ޔަންގޮން(ސެޕްޓެމްބަރު 15): އެމެރިކާއިން މިޔަންމާއާ ދެކޮޅަށް އަޅާފައިވާ އިގްތިޞާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް އޮތް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.

އޮބާމާ އެފަދައިން ވިދާޅުވީ، މިޔަންމާގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރު އަދި ގައުމުގެ ސްޓޭޓް ކައުންސެލަރު، އަންގް ސަން ސޫޗީއާ އިއްޔެ ވައިޓް ހައުސްގައި ބައްދަލު ކުރެއްވުމަށް ފަހުގައެވެ.

"ބަރުމާއާ ދެކޮަޅަށް އެމެރިކާއިން އަޅާފައިވާ ދުވަސްވީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އަޅުގަނޑުމެން ތައްޔާރަށް އޮތް ކަން އަޅުގަނޑު ވަނީ ދަންނަވާފަ، އޭގެ އެއް ސަބަބަކީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ބަރުމާއިން ފެނިފައިވާ ކުރިއެރުން. އެއީ އާގޮތަކަށް ވިޔަފާރި ކުރުމުންނާއި އާ ސަރުކާރުގެ ފައިދާތައް ބަރުމާގެ ރައްޔިތުންނަށް ލިބޭކަން ޔަގީން ކުރުމަށް ކުރެވެން އޮތް ކަންތައް،" އޮބާމާ ވިދާޅުވި އެވެ.

އެމެރިކާއިން އުވާލާނެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތަފްސީލު ދީފައި ނުވި ނަމަވެސް އޮބާމާ ވަނީ "ވަރަށް އަވަހަށް" ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވިޔަފާރީގެ ގޮތުން ހާއްސަ އިނާޔާތްތަކެއް ލިބޭ، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓުގައި މިޔަންމާ ހިމަނާނެ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.

މިޔަންމާގައި ވެރިކަން ކުރަމުން ދަނީ އަންގް ސަން ސޫޗީގެ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ)ން ކަމަށްވީ ނަމަވެސް ސޫޗީއަށް އެގައުމުގެ ރައީސްގެ މަގާމަށް ވަޑައިގަނެވޭނެ ގޮތް ވަނީ ނުވެފައެވެ.

ސަބަބަކީ، ބޭރު ގައުމެއްގެ ރައްޔިތުންގެ ގޮތުގައި ދަރީން ރަޖިސްޓާކޮށްފައިވާ މީހަކަށް މިޔަންމާގެ ރިޔާސަތަށް ވަޑައިނުގަނެވޭނެ ކަމަށް އެ ގައުމުގެ ގާނޫނު އަސާސީގައި ލިޔެވިފައި ވާތީ އެވެ. ސޫޗީގެ ނިޔާވެފައިވާ ފިރިމީހާއަކީ އިނގިރޭސި ރައްޔިތެކެވެ. އަދި އެ ދެމަފިރިންނަށް ލިބިފައިވާ ދެ ދަރީންނަކީ ވެސް އިނގިރޭސި ރައްޔިތުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ދެ ދަރީންނެވެ.

ސޫޗީގެ ބަދަލުގައި މިޔަންމާގެ ރައީސް ކަމުގައި ހުންނެވީ ސޫޗީގެ އަރިސް ފަރާތެއް ކަމަށްވާ ޓިން ޗޯ އެވެ. (ސީއެންއެން)