03 Jun 2011, 19:11
ޑީއާރްޕީގެ ނައިބު ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު މުހައްމަދު ރާމިޒް، އިންތިހާބަކާ ނުލައި އެޕާޓީގެ ކައުންސިލުން ރޭ އައްޔަންކޮށްފި އެވެ.
މައި އިދިކޮޅު ޕާޓީގެ ހުސްވެފައިވާ ޑެޕިއުޓީ ލީޑަރުގެ ދެ މަގާމުގެ ތެރެއިން އެއް މަގާމަށް ރާމިޒް އައްޔަންކޮށްފައިވަނީ ރޭ ބޭއްވި ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެވެ.
ޑީއާރްޕީން ނެރުނު ބަޔާނުގައި ބުނަނީ، ޑީއާރްޕީގެ ނައިބު ލީޑަރު ކަމަށް ރާމިޒް ހަމަޖެއްސީ އެޕާޓީގެ އަސާސީ ގަވާއިދުގެ 120 ވަނަ މާއްދާއިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށެވެ. އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ "ގަވައިދުގެ ދަށުން އިންތިހާބު ކުރެވޭ މަގާމެއް އެއްވެސް ސަބަބަކާ ކުރެ ހުސްވެއްޖެ ނަމަ، އެ މަގާމެއް ހުސްވާ ދުވަހުން ފެށިގެން، ދެން އެންމެ އަވަހަށް ބާއްވާ ގައުމީ ޖަލްސާއަކަށް އެ މަގާމަށް މެމްބަރަކު އިންތިހާބު ކުރެވެންދެން، އެ މަގާމު ފުރުމަށް މެމްބަރަކު ކަނޑައެޅުމުގެ އިހުތިޔާރު ޕާޓީގެ ކައުންސިލަށް ލިބިގެންވާ." ކަމަށެވެ.
ޑީއާރްޕީން ބުނީ، ރާމިޒް ވަނީ އެ މަގާމް ގަބޫލުކުރައްވައިފަ ކަމަށާއި އޭނާ މަގާމުގައި ދެމިހުންނަވާނީ ދެންއެންމެ އަވަހަށް އޮންނަ ގައުމީ ޖަލްސާއެއްގައި މިމަގާމަށް ބޭފުޅަކު އިންތިހާބުކުރެވެން ދެން ކަމަށެވެ.
ޑީއާރްޕީގެ ހަތަރު ނައިބު ލީޑަރުންގެ ތެރެއިން ފުރަތަމަ މަގާމު ހުސްވީ ނައިބު ލީޑަރަކަށް ހުންނެވި އުމަރު ނަސީރު ޕާޓީން ވަކިކުރުމުންނެވެ. ދެވަނަ މަގާމު ހުސްވީ، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ޑީއާރްޕީން ވަކިވުމުންނެވެ. އަލީ ވަހީދު މިހާރު ވަނީ އެމްޑީޕީ އަށް ސޮއިކުރައްވައިފަ އެވެ.