15 Sep 2016, 14:01
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ގުޅޭގޮތުން ދޮގު ވާހަކަތައް ނުދެއްކުމަށް ޕީޕީއެމް އިން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިލްތިމާސްކޮށްފިއެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް އާދަމް މިއަދު ސަން އަށް ވިދާޅުވީ، ރައީސް މައުމޫނާ ގުޅޭގޮތުން ތަފާތު އެކި ފަހަރުމަތިން ރައީސް ނަޝީދު ދައްކަވަމުން އެގެންދަވަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ، މި ދަނޑިވަޅަކީ ޕީޕީއެމްގެ އާންމު މެމްބަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅަކަށްވާތީ، ކޮންމެވެސް ވާހަކަތަކެއް ދައްކައިގެން އާންމު މެމްބަރުންނަށް ގޯސް މެސެޖުތަކެއް ދިނުމަށް ރައީސް ނަޝީދު އަންނަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.
"ޕީޕީއެމްގެ ފަރާތުން ރައީސް ނަޝީދަށް ގޮވާލަން ތިކަން ހުއްޓަވާލައްވާށޭ. މަނިކުފާނަކީ ރާއްޖޭގައި ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް. ރައީސް މައުމޫނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައިގެން އެއްވެސް ހަގީގަތެއް ނެތް ދޮގުވާހަކަތައް ދެއްކުން ހުއްޓާލައްވާށޭ،" އަލީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ---- ސަން ފައިލް ފޮޓޯ
އޭނާ ވިދާޅުވީ ރައީސް ނަޝީދު އެ ދައްކަވާ ވާހަކަފުޅުތައް ގިނަ ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އާ ގުޅިވަޑައިގަތުމުގެ މަޝްވަރާތަކެއް އެއްވެސް އިރެއްގައި ރައީސް މައުމޫން ކުރައްވާފައިނުވާނެ ކަމަށާއި ދުވަހަކު ވެސް އެފަދަ މަޝްވަރާއެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށް އަލީމް ވިދާޅުވިއެވެ.
"އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގަތުމުގެ މަޝްވަރާއެއް ރައީސް މައުމޫން މިހާތަނަށް ވެސް ކުރައްވާފައެއް ނެތް. އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ މަޝްވަރާއެއް ނުކުރައްވާނެ. ދުވަހަކު ވެސް ރައީސް މައުމޫން އިދިކޮޅު އިއްތިހާދާ ގުޅިވަޑައެއް ނުގަންނަވާނެ،" އަލީމް ވިދާޅުވިއެވެ.
ރައީސް ނަޝީދު އެމަނިކުފާނާ ގުޅޭގޮތުން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ނުސީދާކޮށް ރައީސް މައުމޫން މިއަދު ވަނީ ރައްދު ދެއްވާފައެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި މައުމޫން ވިދާޅުވީ، "އެއް ފަހަރު ބުންޏަސް ތެދެއް ވާނީ ތެދަކަށް. އެއް ހާސް ފަހަރު ބުންޏަސް ދޮގެއް ވާނީ ދޮގަކަށް" ކަމަށެވެ.
އެއް ފަހަރު ބުންޏަސް ތެދެއް ވާނީ ތެދަކަށް . އެއް ހާސް ފަހަރު ބުންޏަސް ދޮގެއް ވާނީ ދޮގަކަށް .
— Maumoon Abdul Gayoom (@maumoonagayoom)September 15, 2016
އިނގިރޭސިވިލާތުގައި ހުންނަވައިގެން ސްރީލަންކާގެ ނޫސްވެރިންނަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު އަންގާރަ ދުވަހު ވިދާޅުވީ، ރައީސް މައުމޫނާ އެކު އޮތް ނުތަނަވަސްކަން ނައްތައިލައްވަން ބޭނުންފުޅުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މާޒީގައި ހިފަހައްޓައިގެން ހުރެ މުސްތަގުބަލެއް ބިނާ ނުކުރެވޭނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ރައީސް މައުމޫނަށް މައާފު ކުރައްވައިފި ކަމަށާއި، ޕީޕީއެމްގެ، ރައީސް މައުމޫންގެ ފެކްޝަނާ އެކު ސިޔާސީ ގޮތުން އިއްތިހާދުވުމަށް މަޝްވަރާ ކުރައްވަމުން އަންނަ ކަމަށެވެ.