ފުވައްމުލަކުގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލި ހިފައިގެން އިންޑިއާގެ ސޫތުކުޅިން ފުވައްމުލަކަށް ދިޔަ ވިއެޓްނާމްގެ އާގުބޯޓު، ފުވައްމުލަކުގެ ދެކުނު ފަރާތު ފަރަށް އެރިތާ މަސް ދުވަސް ފަހުން ފުންކޮށްފިއެވެ.

ފުވައްމުލަކު ފުނާޑު އަވަށު ކައުންސިލްގެ ރައީސް އަލީ ވަސީމް "ސަން" އަށް ވިދާޅުވީ، މިއަދު އެ ބޯޓު ފުންކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އިތުރު ތަފްސީލެއް ލިބިފައެއް ނުވެ އެވެ. އެ ބޯޓުގެ ރާއްޖޭގެ އޭޖެންޓް، އޯޝަން ލޮޖިސްޓިކްސް އެންޑް ޝިޕިންގެ ބަހެއް ވެސް ލިބޭ ގޮތް ވަނީ ނުވެފައެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު ފުވައްމުލަކުގެ ފަރަށް އެރި "އެމްވީ އެންޖީއޯސީ ސަން" ފުން ކުރުމަށް އެ ބޯޓުގެ އޭޖެންޓުން ވަނީ ސިންގަޕޫރުގެ ސެލްވޭޖު ކުންފުންޏާ ހަވާލުކޮށް، އެ ކުންފުނީގެ ފަރާތުން ޓަގުތަކެއް ވެސް ގެނެސްފައެވެ. ނަމަވެސް އާގުބޯޓުގައި ހުރި 5،700 ޓަނުގެ ހިލައާއި ހިލަވެލީގެ ސަބަބުން ބޯޓު ފުން ވާ ގޮތް ނުވިއެވެ.

އަދި ބޯޓު ފަރުމަތީގައި އޮތުމުގެ ސަބަބުން ފަރަށް ގެއްލުން ވަމުން ދާތީ، ބޯޓު އަވަހަށް ފުންކުރުމަށްޓަކައި ބަރުދަން ލުއި ކުރުމުގެ ގޮތުން އޭގައި ހުރި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިދިޔަ ހަފްތާގައި ސަން އަށް ވިދާޅުވީ، ބޯޓު ފުންކުރުމުގެ ހުރިހާ މަސައްކަތެއް ކުރިއަށް ދަނީ އެންވަޔަރަންމެންޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީ އަދި އީޕީއޭގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހާ އެކު އެކުންފުނިން މަޝްވަރާކުރެވިގެން ކަމަށެވެ.

އެ ބޯޓުން ތެޔޮ ލީކުވި ކަމުގެ ނިޝާންތައް ވެސް މި ހަފްތާ ތެރޭގައި ފެނިފައި ވެއެވެ.