ނ. ކުޑަފަރީގައި ބައިސްކަލް ނެޓްވޯކެއް ގާއިމް ކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.

ކުޑަފަރީ ކައުންސިލްގެ ނައިބު ރައީސް ޖަޒްލާން އާދަމް މިއަދު ސަން އަށް ވިދާޅުވީ ބައިސްކަލް ނެޓުވޯކަކީ، ރައްޔިތުންނަށް ބޭނުންކޮންމެ ވަގުތަކު ބައިސްކަލް ދުއްވޭނެ ގޮތް ހަމަޖެއްސުމަށް ކައުންސިލުން ތައާރަފް ކުރަން ނިންމާފައިވާ ޚިދުމަތެއް ކަމަށެވެ.

އެ ޚިދުމަތް ތައާރަފް ކުރުމުގެ މަގުސަދަކީ ކުޑަފަރީ އަކީ އިންޖީނުލީ ވެހިކަލް ނެތް، ތިމާވެއްޓަށް ގެއްލުން ހުރި ވިހަ ގޭސްތަކުން ސަލާމަތްވެފައިވާ ރަށަކަށް ހެދުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ ޚިދުމަތް ދޭ ގޮތަކީ ކައުންސިލުން ހޯދާފައިވާ ބައިސްކަލްތަކެއް ކަނޑައަޅާ ވަކި ތަނެއްގައި ބަހައްޓާފައި ހުންނާނެ. ދެން ކޮންމެ ރައްޔިތަކަށް ވެސް އެތަނުން ބައިސްކަލް ނަގައިގެން ބައިސްކަލް ދުއްވުމުގެ ފުރުސަތު ލިބިގެންދާނެ. މިއީ އަޅުގަނޑުމެން ރައްޔިތުންނަށް ހިލޭ ދޭން ނިންމާފައިވާ ޚިދުމަތެއް،" ޖަޒްލާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޚިދުމަތް ދިނުމަށް ބޭނުންވާ ބައިސްކަލްތައް އެއަތޮޅުގެ ރިސޯޓެއް ކަމަށްވާ ސޮނޭވާ ޖާނީގެ ފަރާތުން ކައުންސިލަށް ހަދިޔާކޮށްފައިވާ ކަމަށެވެ.

"މިހާރު 15 ބައިސްކަލް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. ބާކީ 15 ބައިސްކަލް ވަރަށް އަވަހަށް ލިބޭނެ. މި ބައިސްކަލްތައް ބެހެއްޓުމަށްޓަކައި ޕާކިން ޒޯންތަކެއް ހެދުމުގެ މަސައްކަތް ކައުންސިލުން މިދަނީ ކުރަމުން،" ޖަޒްލާން ވިދާޅުވިއެވެ.

އާބާދީގައި 820 ރައްޔިތުން ދިރިއުޅޭ ކުޑަފަރީ ރައްޔިތުންގެ ފަރާތުން އެކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި އެ ޚިދުމަތް ވީހާވެސް އަވަހަކަށް ފޯރުކޮށްދޭން ރައްޔިތުން ބޭނުންވާ ކަމަށް ވެސް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.