15 Sep 2016, 12:30
ބާސެލޯނާގެ ކުރީގެ ތަރި ލުޑޮވިކް ޖިއުލީ، މީޑިއާގެ ފަލަ ސުރުހީތަކުން ޖާގަ ހޯދަން ފެށީ 2004 ވަނަ އަހަރު ފްރާންސްގެ މޮނާކޯއިން ބާސާއަށް ބަދަލުވެ އެ ކްލަބުގައި ހޯދަންފެށި ކާމިޔާބީތަކާ އެކުއެވެ. ހަ އަހަރުގެ މެދު ކެނޑުމަކަށް ފަހު ބާސާއަށް ލީގު ކާމިޔާބުކޮށްދިނުމުގައި ޖިއުލީ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި 14 އަހަރަށް ފަހު، ބާސާއިން 2006 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރުވެސް ޖިއުލީގެ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.
ޖިއުލީ އުންމީދުކޮށްގެން ހުރީ، އޭނާގެ ހުނަރާއި ފަންވަރު ބާސާގެ ކުޅުންތެރީންނަށް ދައްކާލައި އޭރުވެސް އެ ކްލަބުގައި އޮތް ވަރުގަދަ ސްކޮޑް ހައިރާންކޮށްލުމެވެ. އޭރު ބާސާގެ ސްކޮޑްގައި ބްރެޒިލްގެ ތަރި ރޮނާލްޑީނިއޯ އާއި، ކެމަރޫންގެ ސަމުއެލް އެޓޫ، ޕޯޗްގަލް ތަރި ޑެކޯ، އަދި އަންދްރޭ އިނިއެސްޓާ އާއި ޒަވީ ހެނާންޑޭޒް ފަދަ ކުޅުންތެރީން ހިމެނެއެވެ. އެހެން ނަމަވެސް އޭރު ބާސާގެ ޔޫތު އެކަޑެމީގައި ތަމްރީނުވަމުން އައި، އާޖެންޓީނާގެ ''ކުޑަކުޑަ ފަހުލަވާނު''ގެ ވާހަކަ އޭނާއަކަށް އެހާ ރަނގަޅަކަށް ނޭނގެއެވެ.

2004 ވަނަ އަހަރު މޮނާކޯއިން ބާސެލޯނާއާ ގުޅުނު ލުޑޮވިކް ޖިއުލީ (ކ)، މިހާރުވެސް މެސީގެ ޅައުމުރުގައި ޓީމުގެ ފަރިތަކުރުންތަކުގައި އޭނާ ދައްކަމުން ގެންދިޔަ ހުނަރުތައް ހަނދާން ހުރޭ -- ޕީއޭ ފޮޓޯ: ޑެއިލީމެއިލް
ބާސާގެ ކުޅުންތެރީންނަށް ޖިއުލީ އޭނާގެ ހުނަރުތައް ދައްކާލުމުގެ ކުރީން، މެސީ ވަނީ ޖިއުލީ އަންތަރީސް ކޮށްލައިފައެވެ. އެހެންކަމުން އޭނާއަށް މެސީ ފެނުނު ފުރަތަމަ ދުވަހުގެ ހަނދާންތައް އަދިވެސް ތާޒާކަމަށް ޖިއުލީ ބުނެއެވެ.
ބައިނަލްއަގްވާމީ މެޗުތަކަށް ކްލަބްތަކުގެ ކުޅުން މެދު ކަނޑާލި ދުވަސްވަރާ ދިމާކޮށް، ބާސާގެ އޭރުގެ ކޯޗް ފްރޭންކް ރައިކާޑް ވަނީ، ކްލަބުގެ ޔޫތު ޓީމުގެ ގިނަ ކުޅުންތެރީންތަކެއް ސީނިއާ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިކުރުވައިފައެވެ. އޭގެ ތެރޭގައި މެސީވެސް ހިމެނެއެވެ. ޖިއުލީ ބުނާގޮތުން އެދުވަހުގެ ފަރިތަކުރުން ތަކުގައިވެސް މެސީ ވަނީ، މުޅި ޓީމު އެއްކޮށް "އާޝޯޚު"ކޮށްލައިފައެވެ.

ބާސާގެ ފަރިތަކުރުންތަކުގެ ތެރޭގައި، ރޮނާލްޑީނިއޯ ބޯޅަ ކޮންޓްރޯލްކޮށްލާއިރު މެސީ ބަލަހައްޓައިގެން. -- އޭއެފްޕީ ފޮޓޯ: ޑެއިލީމެއިލް
"އެންމެ އޭނާ [މެސީ]ގެ ވަށައިގެން ބޯޅަ ހޯދަން މަސައްކަތްކޮށް ތަޅައި ވައްޓާލާއިރު ވެސް އޭނާ ހަމަ ތެދުވެ އަނެއްކާވެސް ބޯޅަ ހޯދައިގެން ކުޅެން ފަށާނެ، އެކައްޗެކޭވެސް ނުބުނާނެ،" ޖިއުލީ އޭނާގެ ހަނދާތައް ސްޕޯޓް-އިންގްލިޝްއާ ހިއްސާކުރަމުން ކިޔައިދިނެވެ.
"އޭނާގެ ކޮންމެ ހަރަކާތެއްވެސް އެހާމެ ނުރައްކާ. އާދަޔާ ޚިލާފު. ހަތަރު ކުޅުންތެރީން ކައިރިން ކަޓުވާލާފައިގޮސް ގޯލް ޖަހާނެ."
ޖިއުލީ ބުނިގޮތުގައި އޭރުވެސް، ބާސާގެ ފުރަތަމަ 11ގައި ހިމެނޭ ސެންޓަރ ބެކުން ވެސް މެސީދެކެ ޖެހިލުންވެއެވެ.
"އެމީހުން ހަމަ ގަދައަށް ޖައްސާނެ، ބޯޅަ ހޯދަން. އެކަމަކު މެސީ ދާނެ ހަމަ ހާސްކަމެއް ނެތި އެމީހުން ކައިރިން ކަޓުވާލާފައި،"
"އެއީ ހަމަ އޭލިއަންއެއް. އަހަރެމެން އެންމެނަށް ކުޅިދައްކާލާ."
މެސީ ބާސާގެ ސީނިއާ ޓީމަށް ކުޅެދިން ފުރަތަމަ މެޗު ކުޅުނީ 2005 ވަނަ އަހަރުގެ އޮކްޓޫބަރުގައެވެ. އޭރު އޭނާގެ އުމުރަކީ 17 އަހަރެވެ. އެއީ ޖިއުލީވެސް ބާސާގައި ވިދަމުން އައި ދުވަސްވަރެވެ. ޖިއުލީ ބާސާގައި ހޭދަކުރި ފުރަތަމަ ސީޒަންގައި އެޓީމަށް ކުޅުނު 29 މެޗުގައި 11 ލަނޑު ޖެހިއިރު، މެސީ އެ ސީޒަންގައި ބާސާއަށް ކުޅުނީ އަށް މެޗެވެ. އޭނާއަށް އެ ސީޒަންގައި ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.
ސީނިއަރ ޓީމުން ޖާގަ ލިބެންފެށި ފަހުން މެސީ ދިޔައީ ފަސްއެނބުރި ބެލުމެއް ނެތި ކުރިއަށެވެ. ޖިއުލީ ބުނާގޮތުން ނަމަ، އޭނާއަށް ބާސާގެ ފުރަތަމަ 11އިން ޖާގަ ގެއްލެން ފެށީވެސް މެސީގެ ސަބަބުންނެވެ.

ޗެމްޕިއަންސް ލީގުގައި ސެލްޓިކް އަތުން 7-0 އިން ބާސާ މޮޅުވި މެޗުގައި މެސީ ވަނީ ހެޓްރިކެއް ހަދާފައި -- އެސްއެންއެސް ފޮޓޯ: ޑެއިލީމެއިލް
ބާސާގެ ފަރިތަކުރުންތަކުގައި 2005 ވަނަ އަހަރު ބައިވެރިވެ، އެއަށްފަހު ކްލަބުގެ ފުރަތަމަ 11އިން ގަވައިދުން ޖާގަ ހޯދަމުން އަންނަ މެސީ ވަނީ، އެ ކްލަބަށް 490 ލަނޑު ކާމިޔާބުކޮށްދީ ބާސާގެ ތާރީޚުގައިވެސް އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖެހިކުޅުންތެރިޔާގެ ރެކޯޑް ގާއިމުކޮށްފައެވެ. އޭނާ ވަނީ، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަކުޅުންތެރީންގެ ތެރޭގައި ހިމެނިފައެވެ. ވޭތުވެދިޔަ 11 ވަރަކަށް އަހަރު ތެރޭގައި ބާސާއިން ހޯދި ގިނަ ކާމިޔާބީތަކުގައި މެސީގެ ދައުރު ފާހަގަކޮށްލަން ޖެހެއެވެ.