މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށް މި އަހަރުގެ ޗެމްޕިއަންސް ލީގަށް މުޅިން އަލަށް ކޮލިފައިވި ލެސްޓާ ސިޓީ ގުރޫޕް ސްޓޭޖްގައި ކުޅުނު ފުރަތަމަ މެޗު 3-0ގެ ނަތީޖާ އަކުން ބެލްޖިއަމްގެ ކްލަބް ބުރުޖްގެ މައްޗަށް ކުރި ހޯދައިފިއެވެ.

އިނގިރޭސި ބޮޑެތި ކުލަބުތައް ސިއްސުވާލުމަށް ފަހު މިދިޔަ ސީޒަން ކާމިޔާބުކުރި ލެސްޓާ އިން ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ވަނީ ތަފާތު ދައްކާލާފައެވެ. ރޭގެ މެޗުގައި ލެސްޓާގެ ފުރަތަމަ ގޯލު މެޗުގެ ފަސް ވަނަ މިނެޓްގައި ކާމިޔާބުކުރީ މާކް އަލްބްރިޓަން އެވެ.

ލެސްޓާގެ ދެވަނަ ގޯލު 29 ވަނަ މިނެޓްގައި ރިޔާޒް މަޙްރޭޒް ކާމިޔާބުކުރިއިރު 61 ވަނަ މިނެޓްގައި އޭނާ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ލެސްޓާއަށް ލީޑް ފުޅާ ކޮށްދީފައެވެ.

ލެސްޓާ ހިމެނޭ ގްރޫޕް ޖީގައި ރޭ ޕޯޗުގަލްގެ ޕޯޓޯ އާއި އެފްސީ ކޮޕަންހޭގަން ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލެސްޓާ ސިޓީގެ ކޯޗު ކުލައުޑިއޯ ރަނިއެރީ ބުނީ ޗެމްޕިންސް ލީގުގައި ކުޅުމަކީ ލިބޭ ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށާއި ފުރަތަމަ މެޗުން މި ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"އަދި މި ކުޅެވުނީ އެންމެ މެޗެއް. އަދި އެބައޮތް ކުރިއަށް ފަސް މެޗު. ފުރަތަމަ މެޗުން މި ލިބުނު މޮޅާ އެކު ޓީމްގެ ހުރިހާ ކުޅުންތެރިންގެ ކޮންފިޑެންސް ވަރުގަދަ ވެއްޖެ. ނަމަވެސް މި ފެށުނީ ވަރަށް އުނދަގޫ ދަތުރެއް،" ރަނިއެރީ ބުންޏެވެ.

ގްރޫޕް ސްޓޭޖުގައި ލެސްޓާ ކުޅޭ ދެވަނަ މެޗުގައި މި މަހުގެ 27 ވަނަ ދުވަހު ނިކުންނާނީ ޕޯޓޯއާ ދެކޮޅަށެވެ.