އިސްލާމްއާބާދު (ސެޕްޓެމްބަރު 15): ޕާކިސްތާނުގެ ޕަންޖާބުގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަ މީހަކު މަރުވެ 150 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ އެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ހާދިސާގައި އެކްސިޑެންޓުވެފައި ވަނީ ފަސިންޖަރުންނާ އެކު ދަތުރު ކުރަމުން ދިޔަ ރޭލަކާއި މުދާ ބަރުކޮށްފައިވާ ރޭލެކެވެ. އެކްސިޑެންޓުވި ވަގުތު މުދާ ބަރުކޮށްފައިވާ ރޭލު އޮތީ ހުއްޓައިފަ އެވެ. އެރޭލު ހުއްޓާލަން ޖެހުނީ ޓްރެކް ހުރަސް ކުރަމުން ދިޔަ މީހެއްގެ ގައިގައި ރޭލު ޖެހުމުން ކަމަށް ނޫސްތަކުގައިވެ އެވެ.

ރެއިލްވޭ އޮފިޝަލެއް ކަމަށްވާ ސައިމާ ބަޝީރު ވިދާޅުވި ގޮތުގައި އެއެކްސިޑެންޓު ހިނގަން މެދުވެރިވީ މުދާ ބަރުކޮށްފައިވާ ރޭލު ހުއްޓުމުން، އަނެއް ރޭލަށް ރަތް ސިގްނަލް ދިން ނަމަވެސް އެރޭލު ނުހުއްޓުމުންނެވެ.

ޕާކިސްތާނުގައި ރޭލު އެކްސިޑެންޓުތައް ހިނގުމަކީ އާއްމުކަމެކެވެ. މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި 19 މީހަކު މަރުވެފައިވެ އެވެ. (ރޮއިޓާސް)