15 Sep 2016, 11:40
ބްރެސިލިއާ (ސެޕްޓެމްބަރު 15): ބްރެޒިލްގެ ތެޔޮ ކުންފުނި ޕެޓްރޯބްރާސްއާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއްގައި އެގައުމުގެ ކުރީގެ ރައީސް ލޫލާ ޑިސިލްވާ އާއި އަނބިކަނބަލުންގެ މައްޗަށް ދައުލަތުން ދައުވާކޮށްފިއެވެ.
ޕަބްލިކް ޕްރޮސިކިއުޓަރެއް ކަމަށްވާ ޑެލްޓަން ޑަލަގްނޮލް ވިދާޅުވި ގޮތުގައި ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑިސިލްވާ އަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ދައުލަތުގެ ތެޔޮ ކުންފުނި ބޭނުންކުރުމުގެ ސަބަބުން ދައުލަތަށް 12.6 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށެވެ.
ކޮރަޕްޝަންގެ އެ އަމަލު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ކުރީގެ ރައީސް ލޫލާ ކަމަށް ވެސް ޕަބްލިކް ޕްރޮސިކިއުޓަރު ވިދާޅުވިއެވެ.
ޕްރޮސިކިއުޓަރުން ވިދާޅުވާ ގޮތުގައި ލޫލާ ވަނީ ޕެޓްރޯބްރާސްގެ ކޮރަޕްޝަނުގެ މައްސަލައިގެ މެދުގައިވާ އިންޖިިނިއަރިން އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށްވާ އޯއޭއެސްގެ ފަރާތުން ލަގްޒަރީ އެޕާޓްމެންޓަކާއި ރިޝްވަތުގެ ގޮތުގައި 1.11 މިލިއަން ޑޮަލަރު ގަބޫލު ކުރައްވާފައެވެ.
ނަމަވެސް ލޫލާ ވަނީ އެއީ އޭނާގެ އެޕާޓްމެންޓެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.
ދެހާސް ތިން ވަނަ އަހަރާއި 2011 ވަނަ އަހަރާ ދެމެދު ރައީސްކަމުގައި ހުންނެވި ލޫލާ އަށް ފަހު ބްރެޒިލްގެ ވެރިކަމަށް ވަޑައިގެންނެވި ޑިލްމާ ރޫސެފް ވަނީ ދައުލަތުގެ ބަޖެޓަށް މަކަރުހެދި މައްސަލައެއްގައި މަގާމުން ވަކިކޮށްފަ އެވެ. (އަލްޖަޒީރާ)