ވަރަށް އަވަހަށް އެނބުރި ގައުމަށް ވަޑައިގަންނަވާނޭ ކަމަށް ވިދާޅުވި ނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖެއަށް ވަޑައިގަންނަވަން ކެރިވަޑައިނުގަންނަވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަޒްލީން ވިދާޅުވީ، ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނަމޭ ވިދާޅުވާ ވިދާޅުވުމަކީ، ހަމައެކަނި ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެނގިވަޑައިގަންނަވާނެ ރައީސް ނަޝީދު ރާއްޖެ ވަޑައިނުގަންނަވާނެ ކަމާއި އަދި ރައީސް ނަޝީދާ އެއްކޮށް ތިއްބެވި ބޭފުޅަކު ވެސް ވަޑައިނުގަންނަވާނެކަން،" އަޒްލީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ބައިނަލްއަގުވާމީ މީޑިއާގައި ރައީސް ނަޝީދު ވިދާޅުވަމުން އެ ގެންދަވަނީ ރާއްޖޭގައި ތިބި އެމަނިކުފާނަށް ތާއީދުކުރާ ބަޔަކު ވަކި މިންގަނޑެއްގައި ބެއިތިއްބުމަށް ކަމަށެވެ.

"ރާއްޖޭގައި ހަމަނުޖެހުން އުފައްދައި، ރައްޔިތުންގެ ތެރޭގައި މިއޮތް އަމާންކަމާއި އޮމާންކަން ނައްތާލާކަށެއް ރައްޔިތުންނެއް ތާއީދެއް ނުކުރޭ. އެހެންވީމަ އެބޭފުޅާއަށް މިހާރަކު ނެތް އެކަހަލަ ބަސްތަކެއް ބުނެގެން ބަޔަކު މީހުން ހިފެހެއްޓުން ނޫން ގޮތެއް،" އަޒްލީން ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން 2018 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ރައީސް ނަޝީދުގެ ނަންފުޅު ނޯންނާނެ ކަމަށާއި މިހާރު މިދާ ގޮތުން ވެއްޖެއްޔާ ވަރަށް ސާފުކޮށް 2018ގެ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީން ބޭނުންފުޅު ވަނީ ނަޝީދާ ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކަމަށާއި 2013 ވަނަ އަހަރު ނަޝީދު ބަލިކުރެއްވި ގޮތަށް އަދިވެސް އެމަނިކުފާނުގެ މައްޗަށް ރައީސް ޔާމީން ކުރި ހޯއްދަވާނެ ކަމަށެވެ.

"އެކަން އެގޮތަށް ކުރައްވަން ރައީސް ޔާމީން ބޭނުންފުޅުވި ނަމަވެސް، ގާނޫނީ ގޮތުން އެފަދަ އިންތިހާބަކަށް ނަޝީދަށް ވަޑައިގެންނެވޭކަށް ނެތް. ރައީސް ޔާމީނަށް އެކަމުގައި ކޮށްދެއްވޭނެ ވަކި ކަމެއް ނޯންނާނެ. ގާނޫނީ ގޮތުން ވަކި ގޮތަކަށް ބަޔާންކޮށްފައިވާ ކަމެއްގައި ރައީސް ޔާމީން ކުރައްވާނީ ވަކި ކޮން ކަމެއްތޯ،" މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.

ރައީސް ޔާމީން 2018 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރައްވަފާނެތީ ރައީސް ނަޝީދު ވަރަށް ބޮޑަށް ބިރުފުޅުން އުޅުއްވާ ކަމަށް ވެސް އަޒްލީން ވިދާޅުވިއެވެ.

ދާދިފަހުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަށްފަހު އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދާދި އަވަހަށް ސްރީލަންކާއަށް އަނެއްކާވެސް ދަތުރުފުޅެއް ކުރައްވާނެ ކަމަށާއި، އެ ދަތުރުފުޅުގައި ރާއްޖެއަށް ވެސް ވަޑައިގަތުމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުގެ ކުރިން ކުރަން ޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށާއި، އެކަންކަން މެދުވެރިކުރުވުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.