ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއެރޯ ކާމިޔާބުކުރި ހެޓްރިކާ އެކު 4-0ގެ ނަތިޖާ އަކުން ޖަރުމަނުގެ ބޮރޫޝިއާ މޮންގްލަޑްބެކް ބަލިކޮށް ސިޓީއިން ފެށުން ރަނގަޅު ކޮށްފިއެވެ.

ވިއްސާރައިގެ ސަބަބުން ކުޅުން ފަސްކުރުމަށް ފަހު ރޭ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު އެ މެޗުގައި ސިޓީއަށް ބޮރޫޝިއާގެ ގޯލު ހުޅުވާލަ ދިނީ މެޗުގެ ނުވަ ވަނަ މިނެޓްގައި އަގުއެރޯގެ ލަނޑުންނެވެ. އޭނާ އެ ލަނޑު ޖެހީ އެލެސެންޑަރ ކޮލަރޯވް ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ސިޓީގެ ދެވަނަ ލަނޑު 28 ވަނަ މިނެޓްގައި އަގުއެރޯ ކާމިޔާބް ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައެވެ.

ރޭގެ މެޗުގައި އަގުއެރޯގެ ހެޓްރިކް އޭނާ ފުރިހަމަ ކުރީ މެޗުގެ 77 ވަނަ މިނެޓްގައި ރަހީމް ސްޓާލިން ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.

ސިޓީގެ ފަހު ލަނޑު މެޗުގެ އެންމެ ވަގުތު ކޮޅުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކެލެޗީ އިހެނާޗޯއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ސިޓީގެ ފަރާތުން ރޭ ފެނުނީ މިސީޒަނުގައި ފެނުނު އެންމެ މޮޅު ކުޅުން ކަމަށާއި ކުޅުންތެރިންނަށް ވެސް މެޗުގެ މުހިންމު ކަން ވަރަށް ބޮޑަށް އެނގޭ ކަމަށެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި، މި މަހުގެ 28 ވަނަ ދުވަހު ސިޓީ ބައްދަލުކުރާނީ ރޭ ބާސެލޯނާ އަތުން 7-0ގެ ނަތީޖާ އަކުން ބަލިވި ސެލްޓިކްއާއެވެ.