ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ ރެއާލް މެޑްރިޑުން މެޗުގެ ފަހު ދެ މިނެޓްގައި ކާމިޔާބުކުރި ދެ ލަނޑާއެކު 2-1ގެ ނަތީޖާ އަކުން ޕޯޗުގަލްގެ ސްޕޯޓިން އަތުން މޮޅުވެއްޖެއެވެ.

ރެއާލްގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައިނުވާ އިރު ސްޕޯޓިން އިން ވަނީ ދެވަނަ ހާފް ފެށިގެން ތިން ވަނަ މިނެޓްގައި ބްރޫނޯ ސެސާ ޖަހައިދިން ލަނޑުން މެޗުގެ ލީޑް ނަގައިފައެވެ.

އެ ނަތިޖާ އާއި އެކު މެޗު ނިމެން ދަނިކޮށް ރެއާލަށް ނަތީޖާ އެއްވަރުކޮށްދިނީ 89 ވަނަ މިނެޓްގައި ސްޕޯޓިންގެ ކުރީގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ހިތް ގައިމު ހިލޭ ޖެހުމުންނެވެ.

ރޭގެ މެޗުން ރެއާލް މޮޅުވި ލަނޑު އިތުރު ވަގުތުގެ އެންމެ ފަހު ވަގުތުކޮޅުގައި ކާމިޔާބުކޮށްދިނީ މިދިޔަ ސީޒަނުގައި އިޓަލީގެ ޔުވެންޓަސްއިން ރެއާލަށް ބަދަލުވި އަލްވާރޯ މޮރާޓާ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ރޭ ކުޅުނު ދެވަނަ މެޗު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ކާމިޔާބުކުރީ ޕޮލެންޑްގެ ލެގާ ވަސޯވޯ 0-6ގެ ނަތީޖާ އަކުން ބަލިކުރުމަށް ފަހުއެވެ. ޑޯޓްމަންޑްގެ ގޯލުތައް ކާމިޔާބުކުރީ މާރިއޯ ގޮޓްޒާ އާއި ޕަޕަސްތަޕޫލަސް އާއި މާކް ބާޓްރާ އާއި ރަފައެލް ގުއެރޭރޯ އާއި ގޮންޒާލޯ ކާސްޓްރޯގެ އިތުރުން ޕިއެރޭ އެމެރިކް އޯބަމަޔަން އެވެ.

ގުރޫޕް އެޗްގައި ޔުވެންޓްސް އާއި ސެވިއްޔާ ބައްދަލުކުރި މެޗު 0-0ގެ ނަތީޖާ އަކުން އެއްވަރުވެފައިވާއިރު ފްރާންސްގެ ލިޔޯން އާއި ކްރޮއޭޝިއާގެ ޑިނަމޯ ޒެގްރެބްގެ މެޗު ނިމުނީ 0-3ގެ ނަތީޖާ އަކުން ލިޔޯން މޮޅުވެގެންނެވެ.