ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އެކްޓްރެސް ކެޓްރީނާ ކައިފް އަކީ އަބަދު ވެސް މީޑިއާތަކާއި ނޫސްވެރިންނާ އެންމެ ދުރުން އުޅޭ ފަންނާނެވެ. ރިޕޯޓަރުންނާއި ފޮޓޯ ނަގާ މީހުންނަކީ ކެޓްރީނާ އެއްގޮތަކަށް ވެސް ގަޔާވާ ބައެއް ނޫނެވެ. އޭނާގެ ފޮޓޯ ނެގި ބައެއް ފޮޓޯގްރާފަރުން ގޮވައިގެން ކޯޓަށް ދާނެ ކަމުގެ އިންޒާރު ވެސް ކެޓްރީނާ ވަނީ މީގެ ކުރިން ދީފަ އެވެ.

ނަމަވެސް ފަހަކަށް އައިސް ކެޓްރީނާ ފެނިގެން ގޮސްފައި ވަނީ މީޑިއާ އާ ވަރަށް ބޮޑަށް ރަށްޓެހިކޮށެވެ. އިންޓަވިއުތަކުގައި ނޫސްވެރިންނާ އެކު މަޖާކޮށް ގިނައިން ވާހަކަ ދައްކައި ހަދަން ފެށި އެވެ. އެއާ އެކު ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ކެޓްރީނާގެ ކުރީ ގޮތް ބަދަލުވީ ކަމަށެވެ.

ފަހަރުގައި ރޭ އޭނާ ލަންޑަނަށް ފުރަން މުމްބާއީ އެއާޕޯޓަށް ދިޔައިރު، ގިނަ އަދަދެއްގެ ނޫސްވެރިންނާއި ފޮޓޯނަގާ މީހުން އޭނާގެ އިންތިޒާރުގައި ތިބީ އެ އުންމީދާ އެކު އެވެ.ނަމަވެސް ކެޓްރީނާގެ ފަރާތުން ރޭ ފެނިގެން ދިޔައީ ވަރަށް ތަފާތު މަންޒަރެކެވެ. އެއާޕޯޓުގައި ނޫސްވެރިން ތިބިކަން އެނގުމާ އެކު ކެޓްރީނާ ވަނީ ކާރުން ފައިބަން ދެކޮޅު ހަދައިފަ އެވެ. އަދި ނޫސްވެރިން އެ ސަރަހައްދުން ނުދަނީސް ކާރުން ނުފައިބާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އޭނާގެ ފްލައިޓް މިސްވި ނަމަވެސް ކާރުން ފައިބަން ވަނީ ދެކޮޅު ހަދައިފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން ކެޓްރީނާގެ ޓީމުން ވަނީ އޭނާ އަށް ވިސްނައިދޭން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެމީހުން ދެއްކި އެއްވެސް ވާހަކައެއް ކެޓްރީނާ އަހައިފައެއް ނުވެ އެވެ.

ކެޓްރީނާ ކާރުން ފޭބީ އެއްވެފައި ތިބި ނޫސްވެރިން އެ ސަރަހައްދު ދޫކޮށް ދިއުމުންނެވެ.

މީޑިއާއާ އެހާ ދުރަށް ގޮސް އެއާޕޯޓުގައި ޑްރާމާއެއް ކުޅުނު ސަބަބު ސީދާ ބުނާކަށް ނޭނގެ އެވެ. ނަމަވެސް އެންމެ ފަހުން ނުކުތް ކެޓްރީނާގެ ފިލްމު "ބާރު ބާރު ދޭކޯ" ވަނީ ފްލޮޕް ވެފަ އެވެ. އަދި "ޓައިގާ ޒިންދާ ހޭ"ގެ މަސައްކަތް ވެސް މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.

އެހެންކަމުން ކެޓްރީނާ މީޑިއާ އާ ކުރިމަތިލާން ބޭނުން ނުވީ އެފަދަ ސުވާލުތަކަށް ޖަވާބު ދޭން ބޭނުން ނުވާތީ ކަމަށެ ވެދާނެ އެވެ.