15 Sep 2016, 00:30
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި 5-1ގެ ނަތިޖާ އަކުން ވެލެންސިއާ ބަލިކޮށް ތާވަލުގެ އެއްވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ނުވަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
އެ ނަތީޖާއާ އެކު މާޒިޔާއަށް އެޓީމު ކުޅުނު 16 މެޗުން 37 ޕޮއިންޓް ލިބިފައިވާ އިރު އެއް މެޗު މަދުން ކުޅެ 28 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައި އޮތީ އީގަލްސް އެވެ. ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބަށް 15 މެޗުން ލިބެނީ 27 ޕޮއިންޓެވެ.
މިރޭގެ މެޗު ފެށިގެން ދެވަނަ މިނެޓްގައި އަހުމަދު އިމާޒް (އާއްކޮ) ތަނަވަސް ކޮށްދިން ފުރުސަތެއްގައި އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކުރި ގޯލުން މާޒިޔާ ވަނީ ލީޑް ނަގާފައެވެ. އަދި އޭގެ ފަސް މިނެޓް ފަހުން އަސަދުﷲ އަބްދުﷲ (އަސައްކޮ) ވަނީ ވެލެންސިއާގެ ދެ ކުޅުންތެރިން ކައިރިން ބޯޅަ ނައްޓާލުމަށް ފަހު ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެން މާޒިޔާގެ ދެވަނަ ގޯލު ކާމިޔާބު ކޮށްފައެވެ.
ވެލެންސިއާގެ ހަމައެކަނި ގޯލު މެޗުގެ 24 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޗިންޑާ ޗިޒީ ކަކާއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ މާޒިޔާގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ފުރަތަމަ ހާފްގައި ވެލެންސިއާއަށް ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް މުހައްމަދު ފުހައިދު މާޒިޔާގެ ގޯލުގެ ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ދިޔައީ ކުޅުންތެރިއެއްގެ ފައިގަ ލައްވާ ނުލައި ބޭރަށެވެ.
މާޒިޔާގެ ތިން ވަނަ ގޯލު މެޗުގެ 52 ވަނަ މިނެޓްގައި ދަގަނޑޭ ކާމިޔާބުކުރީ މުހައްމަދު އުމައިރު ތަނަވަސް ކޮށްދިން ރީތި ބޯޅައެއް ހިފައިގެން ގޮސް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
މާޒިޔާގެ ހަތަރު ވަނަ ގޯލަކީ ވެލެންސިއާގެ ޔޫސުފް ރަމީޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ 64 ވަނަ މިނެޓްގައި އަހުމަދު ނާޝިދު (ނައްޓޭ) ނަގައިދިން ހުރަސް ވެލެންސިއާގެ ގޯލުގެ ތެރެއަށް ވަނީ ޔޫސުފް ރަމީޒްގެ ގައިގަ ޖެހިފައެވެ.
މާޒިޔާގެ ފަސް ވަނަ ގޯލު 86 ވަނަ މިނެޓްގައި އަސައްކޮ ގޯލުގެ ތެރެއަށް ވައްދާލީ ވެލެންސިއާ ޕެނަލްޓީ އޭރިއާ ތެރެއިން ނައްޓޭ ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހި ނިކުތުމުންނެވެ.
މާޒިޔާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ އެ މެޗުގެ ފަހު ވަގުތު ކޮޅުގައި ވެލެންސިއާގެ އަވީލޯއަށް ވަނީ ފަރަގު ކުޑަކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ އަވީލޯ ފޮނުވާލި ބޯޅަ އަމާޒްވީ ގޯލުގެ ހުރަސް ދާގަޑަށެވެ.
ލީގްގައި މާދަމާ ހަވީރު ކުޅޭނީ އީގަލްސް އާއި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މެޗެވެ. ރޭގަނޑު އޮންނާނީ ޓީސީ ސްޕޯޓްސް ކުލަބާއި ބީޖީ ސްޕޯޓްސް ކުލަބު ކުޅޭ މެޗެވެ.