މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުން ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކު ޒަޚަމްވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިސްމާއީލް އަލީ، 'ސަން' އަށް ވިދާޅުވީ، މިރޭ 10:28 ކަންހާއިރު ބޮޑު ތަކުރުފާނު މަގުން އެމްޕީއެލް ސަރަހައްދުގައި ދުއްވާފައި ދިޔަ ކާރަކާއި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަނިޔާވެފައި ވަނީ، ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށެެވެ.

"ހަތަރު މީހުންނަށް ވެސް ވަނީ ޒަޚަމްތަކެއް ލިބިފައި. އޭގެ ތެރޭން އެކަކަށް ވަރަށް ބޮޑަށް އަނިޔާވެފައި ވަނީ. އެ ހަތަރު މީހުންވެސް މިހާރު ވަނީ އައިޖީއެމްޗަށް ގެންގޮސްފައި. އަނިޔާގެ ތަފްސީލެއް އަދި ނޭނގެ،" އިސްމާއީލް ވިދާޅުވިއެވެ.

އެމްޕީއެލް ސަރަހައްދުގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަނީ-- ސަން ފޮޓޯ: ކިޔުންތެރިއެއް

އޭނާ ވިދާޅުވީ، ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ޓެކްސީ ކާރެއްގައި، ސައިކަލަކުން ޖެހުނު ވަގުތު، އެ ސައިކަލުގެ ފަހަތުން އައި އިތުރު ސައިކަލެއް ކާރުގައި ޖެހިފައި އޮތް ސައިކަލުގައި ޖެހި އެކްސިޑެންޓްވީ ކަމަށެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު، ވިދާޅުވީ، މިރޭ އެމްޕީއެލް ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 49 އަހަރުގެ އަންހެނަކާއި، 56 އަހަރުގެ ފިރިހެނަކާއި 20 ވަރަކަށް އަހަރުގެ ޒުވާން ފިރިހެނަކު އެ ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން ދާ ކަމަށާއި އޭގެ ތެރޭން އެކެއްގެ ވެސް ހާލު ސީރިއަސް ނޫން ކަމަށެވެ.

"ތިން މީހަކު ހޮސްޕިޓަލަށް ގެނައީ. ތިން މީހުންވެސް ސްޓޭބަލް. އޭގެ ތެރޭން، 49 އަހަރުގެ އަންހެން މީހާގެ ފަައިގައި ފްރެކްޗަރއެއް ހުރިކަމަށް ބެލެވޭތީ އެކްސްރޭ ނެގުމަށްފަހު ޑޮކްޓަރު ދަނީ ބައްލަވަމުން،" ޒީނަތު ވިދާޅުވިއެވެ.

އެމްޕީއެލް ސަރަހައްދުގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަނީ-- ސަން ފޮޓޯ: ކިޔުންތެރިއެއް

އޭނާ ވިދާޅުވީ، އެކްސިޑެންޓްވެގެން ގެނައި ޒުވާން ފިރިހެން މީހާގެ ތުންފަތް ކައިރިން ތަންކޮޅެއް މަށައިގެން ދިއުމުގެ އިތުރުން އޭނާއަށް ވެސް މާބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

"ތިން މީހުންވެސް ޑޮކްޓަރު ބެއްލެވުމަށް ފަހު މިރޭ ހޮސްޕިޓަލުން ދޫކޮށްލާނޭކަމަށް ބެލެވެނީ،" ޒީނަތު ވިދާޅުވިއެވެ.

މި އެކްސިޑެންޓާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް އަދި ނޫންކަންވެސް ފުލުހުން ނުބުނެއެވެ. އަދި އެކްސިޑެންޓާ ގުޅޭ އިތުރު މައުލޫމާތެއް ވެސް ހާމައެއް ނުކުރެއެވެ. އިސްމާއީލް ވިދާޅުވީ، އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލައި، ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުން ކަމަށެވެ.