އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން 2-1ގެ ނަތީޖާ އަކުން އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިވެއްޖެއެވެ.

އެ ބައްޔާއެކު ނިއު ރޭޑިއަންޓް އޮތީ އެޓީމަށް ލިބިފައިވާ ޖުމުލަ 16 ޕޮއިންޓާ އެކު ތާވަލުގެ ހަ ވަނައިގައެވެ. ވިކްޓަރީ އޮތީ 13 ޕޮއިންޓާއި އެކު ތާވަލުގެ ހަތް ވަނައިގައެވެ. އަށް ޕޮއިންޓާ އެކު ތާވަލުގެ އެންމެ ފުލުގައި އޮތީ ބީޖީ ސްޕޯޓްސް އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން، ފުރަތަމަ ހަމަލާ އުފެއްދީ ނިއު ރޭޑިއަންޓުންނެވެ. ނަމަވެސް ހަމްޒާ މުހައްމަދު (ހަމްޕް) ތަނަވަސް ކޮށްދިން ފުރުސަތެއްގައި އިއްޒަތު އަބްދުލް ބާރީ ފޮނުވާލި ބޯޅަ ވިކްޓަރީގެ ކީޕަރު އިބްރާހިމް އިފްރާހް އަރީފް ވަނީ ދިފާއު ކޮށްފައެވެ.

ވިކްޓަރީން ވަނީ އެ ޓީމުން ފުރަތަމަ އުފެއްދި ހަމަލާ ވެސް ނިއުގެ ގޯލުގެ ތެރެއަށް ވައްދާލައިގެން މެޗުގެ ލީޑް ނަގާފައެވެ. އެ ގޯލު 15 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބް ކޮށްދިނީ އަލީ އިފާޒް އެވެ.

ފުރަތަމަ ހާފްގައި ވިކްޓަރީއަށް ލީޑް ފުޅާ ކުރަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޮމަޑޫ ގޮޑްފުރޭ ވެސްޓް ފޮނުވާލި ބޯޅަ ނިއު ރޭޑިއަންޓްގެ ބިދޭސީ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފް ނިމެން ދަނިކޮށް ނިއު ރޭޑިއަންޓްގެ އިއްޒަތަށް ނަތީޖާ އެއްވަރުކޮށްލަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.

ދެވަނަ ހާފް ފެށިގެން ނިއު ރޭޑިއަންޓުން ރަނގަޅަށް ކުޅެމުންދިޔަ އިރު އެ ޓީމުން ވަނީ ވިކްޓަރީގެ ގޯލާ އަމާޒްކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. ނިއު ރޭޑިއަންޓަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ 69 ވަނަ މިނެޓްގައި އިއްޒަތު އެވެ.

ނިއު ރޭޑިއަންޓުން ނަތީޖާ އެއްވަރު ކުރިތާ ހަތަރު މިނެޓްފަހުން ވިކްޓަރީން ވަނީ ގޯލެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑް ނަގާފައެވެ. އެ ގޯލު ވިކްޓަރީ އަށް ކާމިޔާބް ކޮށްދިނީ މަޖުދާން ސޯލިހް ނިއު ރޭޑިއަންޓްގެ ގޯލު ކުރުމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެން އޮމަޑޫ އެވެ.

ވިކްޓްރީ ދެވަނަ ފަހަރަށް މެޗުގެ ލީޑް ނެގިއިރު ނިއު ރޭޑިއަންޓުން ދިޔައީ މުޅި ޓީމް ކުރިއަށް ޖައްސައިގެން ގޯލެއް ކާމިޔާބު ކުރުމަށް ގިނަ މަސަތްކަތްތަކެއް ކުރަމުންނެވެ.

ލީގުގައި މިރޭ 9:00 ޖަހާއިރު ކުޅޭ މެޗުގައި، ލީގު ތާވަލުގެ އެއްވަނައިގައި 34 ޕޮއިންޓާއި އެކު އޮތް މާޒިޔާ ނިކުންނާނީ 20 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގައި އޮތް ވެލެންސިއާ އާ ދެކޮޅަށެވެ.