14 Sep 2016, 16:20
ލ. ގަމުން، އެރަށާ ގުޅިފައި އޮންނަ މާންދުއަށް ދަތުރުކުރަމުން ދިޔަ ބަހެއް ފުރޮޅާލައި އެ ބަހުގެ ޑްރައިވަރަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ލ. ލިންކުރޯޑުގައި، ގަމުން މާންދުއަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ބަހެއް ފުރޮޅާލާފައި ވަނީ، "މާންދުއަށް ދާން އޮންނަ ބެންޑެއްގެ ކައިރިން އަނބުރާލަން އުޅުމުގެ ތެރޭގައި ވެހިކަލް ކޮންޓްރޯލް ނުވެގެން" ކަމަށާއި، "އެވަގުތު އެ ބަހުގައި އިނީ ޑްރައިވަރު އެކަނި" ކަމަށެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ބަސް ފުރޮޅާލީ އަނބުރާލަން އުޅުމުގެ ތެރޭގައި ކަމަށާއި އެ ހާދިސާގައި ބަސް ދުއްވަން އިން ބިދޭސީ ޑްރައިވަރަށް އަނިޔާވެފައިވާ ކަމަށެވެ.
"އަނިޔާ ލިބުނު ބިދޭސީ ޑްރައިވަރު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައި،" ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

ލ. ގަމު ލިންކުރޯޑުން މާންދުއަށް ދަތުރުކުރަމުން ދިޔަ ބަހެއް ފުރޮޅާލާފައި. އޭގެ ޑްރައިވަރަށް ވަނީ އަނިޔާވެފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް
ލ. ލިންކުރޯޑުގައި މިއަދު ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ފުރޮޅާލި ބަސް ދުއްވަން އިނީ، ބިދޭސީއެއް ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމާއި، އެމީހާގެ އުމުރާއި ޖިންސް އަދި ލިބިފައިވާ އަނިޔާގެ ތަފްސީލް ފުލުހުން ހާމައެއް ނުކުރެއެވެ.
މިއީ މިހަފްތާގެ ތެރޭގައި ލ. ލިންކުރޯޑުގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. މިދިޔަ ހޮނިހިރު ދުވަހުގެރޭ ލ. ކަންދޫ އެއާޕޯޓުން ބައެއް ފަންނާނުންނަށް ވަނީ އަނިޔާތަކެއް ލިބިފައެވެ.
މަތިމަރަދޫ އަވަށުގައި ހިނގި އެ ހާދިސާގައި އެކްސިޑެންޓުވި ވެހިކަލްތަކުގައި ތިބި ފަންނާނުންތަކުގެ ތެރޭގައި މޯލްޑިވިއަން އައިޑޮލްއިން މަގުބޫލުކަން ހޯދި ޝަލަބީ ހިމެނެ އެވެ. އަދި އޭނާއާއެކު މަޝްހޫރު ލަވަ ކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ހިމެނެ އެވެ.