03 Jun 2011, 13:02
އަދާލަތު ޕާޓީގެ ދެ ވަނަ ދައުރުގެ އިންތިޚާބުގައި އެ ޕާޓީގެ ރައީސް އާއި އަދި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު ނެގުން ކުރިއަށް އެބަދެ އެވެ.
މިއަދު ހެނދުނު 8:30 އިން 11:00 އަށް އަށް އަދި މެންދުރު ފަހު 2.00 ން 6.00 އާ ހަމައަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވޯޓު ނެގުން ކުރިއަށްދާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ ޝަރީއާ އެންޑް ލޯ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ޝައިހް އިމްރާން އަބްދުﷲ އަދި ނައިބު ރައީސް ކަމުގެ މަގާމަށް އެ ޕާޓީގެ ފުރަތަމަ ނައިބު ރައީސް ކަން ކުރެއްވި ޑރ. މައުރޫފް ހުސެއިން އެވެ.
ޕާޓީގެ އެންމެ އިސް ދެ މަގާމަށް އެ ދެ ބޭފުޅުން އެކަނި ކުރިމަތިލައްވާފައި ވުމުން ކޮމެޓީން ނިންމާފައިވާ ގޮތުން އެބޭފުޅުން އެ މަގާމަށް ހޮވޭނީ ވޯޓުލާ މީހުންގެ 51 ޕަސެންޓް ތާއީދު ލިބިގެން ކަމަށް ވެސް އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީން ވަނީ ބުނެފަ އެވެ.
ދީނީ ދަންނަ ބޭކަލުންގެ ޕާޓީ ކަމަށް ގިނަ ބަޔަކު ސިފަކުރާ އަދާލަތު ޕާޓީގެ ކޮންގްރެސް އޮންނާނީ މިމަހުގެ ހަޔަކުން ހަތަރަކަށެވެ. ރައީސް ކަމާއި ނައިބު ރައީސްކަމުގެ މަގާމު ފިޔަވައި ދެން ހުރި އިސް މަގާމުތަކަށް ވޯޓު ނެގުން އޮންނާނީ އެ ކޮންގްރެސްގަ އެވެ.