ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަން (ޔުއެފާ)ގެ ރައީސް ކަމަށް ސްލޮވޭނިއާގެ އެލެކްސެންޑަރ ސެފެރިން އިންތިހާބު ކޮށްފިއެވެ.

ކޮރަޕްޝަންގެ މައްސަލަ ތަކެއްގެ ސަބަބުން ޔުއެފާގެ ރައީސްގެ މަގާމްގައި ހުރި މިޝޭލް ޕްލެޓްނީ އެ މަގާމުން ދުރުކޮށް، ގްރީސްގެ ވެރިރަށް އެތެންސްގައި މިއަދު ބޭއްވި އިންތިހާބު ސެފެރިން ކާމިޔާބު ކުރެއްވީ 42 ވޯޓުގެ ބޮޑު އަގުލަބިއްޔަތަކުންނެވެ. އޭނާ އާ ވާދަކުރި ނެދަލެންޑްސްގެ މިޝޭލް ވެން ޕްރާގަށް ލިބިވަޑައިގަތީ 29 ވޯޓެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ސެފެރިން ވިދާޅުވީ މިއީ އޭނާ އަށާއި އޭނާ ނިސްބަތްވާ ސްލޮވޭނިއާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެކަމަށް ސްލޮވޭނިއާ ފަހުރުވެރިވާ ފަދައިން ޔޫރަޕްގެ ހުރިހާ ގައުމަކުން ވެސް އޭނާ އާ މެދު ފަހުރުވެރިވާނެ ފަދަ ބަދަލުތަކެއް ގެނެސް ދޭނެ ކަމަށެވެ.

"މިއީ ވަރަށް ބޮޑު ޝަރަފެއް. ހަމަ އެއާއި އެކު ޒިންމާ ވެސް އެހާމެ ބޮޑު،" 2011 ވަނަ އަހަރުން ފެށިގެން ސްލޮވޭނިއާގެ ފުޓްބޯޅައިގެ އިދާރާގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ސެފެރިން ވިދާޅުވިއެވެ.