ބަންގްލަދޭޝްގެ ރައްޔިތުންނަށް ސްރީލަންކާއިން ދޭ އޮން އެރައިވަލް ވިސާ ދިނުން ލަންކާއިން ހުއްޓާލައިފި އެވެ. ސްރީލަންކާއިން ބަންގްލަދޭޝް މީހުންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމާ ގުޅިގެން، ގާތް ގުޅުމެއް އޮންނަ ދެ ގައުމުގެ ދެމެދުގައި ވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ.

ލަންކާގެ ސަންޑޭޓައިމްސް ނޫހުން ރިޕޯޓު ކުރާ ގޮތުގައި، ލަންކާ ސަރުކާރުން ބަންގްލަދޭޝް ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލީ ބަންގްލަދޭޝްގެ ސަރުކާރަށް އަންގައި ނުލައެވެ.

މިކަމާ ގުޅިގެން، ބަންގްލަދޭޝްގައި ހުންނަވާ ލަންކާ ސަފީރު ޔަސޯޖާ ގުނަސޭކަރަ ވިދާޅުވީ، ލަންކާ ސަރުކާރުގެ އެ ނިންމުން ހައިކޮމިޝަނަށް ވެސް އަންގާފައި ނުވާ ކަމަށެވެ.

ލަންކާއިން ބަންގްލަދޭޝް ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ހުއްޓާލުމާ ގުޅިގެން ބަންގްލަދޭޝުން ވެސް ވަނީ ލަންކާ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފައެވެ.

ލަންކާގެ ސަފީރު ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް، މިކަމާ ބެހޭގޮތުން ސުވާލު ކޮށްފައިވާ އިރު، ހައިކޮމިޝަނަރ ގުނަސޭކަރަ ވިދާޅުވީ ލަންކާގެ ފޮރިން މިނިސްޓްރީއިން އެކަމުގެ މައުލޫމާތު ސާފުކުރުމަށް ފަހު ބަންގްލަދޭޝާ ހިއްސާ ކުރައްވާނެ ކަމަށެވެ.

"ބަންގްލަދޭޝް ރައްޔިތުންނަށް ލަންކާއިން އަބަދުވެސް މަރުހަބާ ކިޔަން. ދެގައުމުގެ ރައްޔިތުންނާއި ރައްޔިތުންގެ ގުޅުމަކީ ދެގައުމުގެ ބަދަހި ގުޅުމުގެ އެންމެ މުހިންމު ސަބަބު،" ބަންގްލަދޭޝްގައި ހުންނަވާ ލަންކާ ސަފީރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ބަންގްލަދޭޝުން ބުނާ ގޮތުގައި މިކަން މައްސަލައަކަށް ވަނީ، އެގައުމަށް އަންގާ ނުލައި ލަންކާއިން މިފަދަ ކަމެއް ނިންމުމުންނެވެ.