14 Sep 2016, 12:35
ހދ. ކުޅުދުއްފުށީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޅުދުއްފުށީގައި 30 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވައި ފެނުނު ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
"މިއަދު 11:15 ކަންހާއިރު، ކުޅުދުއްފުށީ ގެއެއްގައި ހަރަކާތްނެތި މީހަކު އޮތްކަމަށް ހުށަހެޅުމުން ފުލުހުންގެ ބެލުމުގެ ދަށުން އެމީހާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދެވުނު،" އޮފިޝަލް ވިދާޅުވިއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން އެ މީހާގެ ހަށިގަނޑު ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނީ، އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށާއި، އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވިފައިވާ މީހެއް ކަމަށެވެ. އަދި މިއަދު އޭނާ މަރުވީ އޯވަޑޯޒް ވެގެން ކަމަށް ބެލެވޭ ކަމަށް ވެސް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.