މާފުށީ ޖަލަށް މަސްތުވާތަކެތި ގެންދަން އުޅުނު ކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން އޮފިސަރަކާއި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މާފުށީ ޕޮލިސްޓޭޝަނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ޕްރިޒަން އޮފިސަރަކީ ފިރިހެނެކެވެ. އަދި އޭނައާ އެކު އިތުރު އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ މާފުށީ ޖަލަށް ގެންދަން މަސައްކަތްކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 22 އަހަރުގެ އަންހެނަކާއި 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކުރީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ.

އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު އަންހެންމީހާގެ ދަބަސް ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅާއި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.