ހައްޖަށް ދިޔަ ދިވެހި ހައްޖާޖީންގެ ތެރެއިން ދެވަނަ ހާޖީއަކު ނިޔާވެއްޖެއެވެ.

ރޭ ނިޔާވެފައިވަނީ، އެކްރޯ ހައްޖު ގްރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ ރ. ހުޅުދުއްފާރު، ކަނޑުފިނިގޭ 51 އަހަރުގެ ޖަމީލާ މުހައްމަދެވެ.

ޖަމީލާގެ ހާލު ދެރަވުމުގެ ސަބަބުން މި މަހުގެ ކުރީކޮޅުން ފެށިގެން އޭނާއަށް ދިޔައީ މައްކާގެ ކިންގް ފައިސަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ޖަމީލާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށް، ހޮސްޕިޓަލުގައެވެ.

މީގެ ކުރިން ހާޓް އެޓޭކެެއް ޖެހިގެން ވެސް ދިވެހި ހާޖީއަކު ނިޔާވިއެވެ. އީދު ދުވަހުގެ ރޭ ހާޓް އެޓޭކެއް ޖެހިގެން ނިޔާވީ، ސިސިލްފަރު ހައްޖު އުމްރާ ގްރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ ޏ. ފުވައްމުލަކު، ދޫޑިގަމް، އަރާއުގޭ އަބްދުﷲ ނާސިރެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައްޔާއި ރާއްޖޭގެ ފަސް ކުންފުންޏެއްގެ ހަވާލުގައި 2000 ހައްޖާޖީން މިއަހަރު ވަނީ ހައްޖުގެ އަޅުކަމަށް ގޮސްފައެވެ. އަދި އޭގެ އިތުރުން ސައުދީ ރަސްގެފާނުގެ ހާއްސަ މެހްމާނުންގެ ގޮތުގައި މަޖިލީހުގެ އަށް މެމްބަރުންނާއެކު ދައުލަތުގެ 15 ބޭފުޅަކު ވަނީ ހައްޖަށް ގޮސްފައެވެ.