14 Sep 2016, 11:55
ވޮޝިންޓަން (ސެޕްޓެމްބަރު 13): އިސްރާއީލަށް ކުރިއަށް އޮތް 10 އަހަރު ތެރޭ 38 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދިނުމަށް އެމެރިކާއިން އެއްބަސްވެއްޖެއެވެ.
ދިހަ މަސް ވަންދެން ކުރިއަށް ދިޔަ މަޝްވަރާތަކަށް ފަހު އެކުލަވާލާފައިވާ އެއެއްބަސްވުމުގައި ދެގައުމުން ސޮއި ކުރާނީ މިއަދުއެވެ. މީގެ ކުރިން އެމެރިކާ އާއި އިސްރާއީލުން ހަދާފައިވާ އަސްކަރީ އެހީގެ އެއްބަސްވުމުގެ ދަށުން އެމެރިކާއިން އިސްރާއީލަށް ދޭން ހަމަޖައްސާފައި ވަނީ ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާންޓްމެންޓުން ބުނި ގޮތުގައި އެއީ އެމެރިކާއިން އެހެން ގައުމަކަށް ދިނުމަށް އެއްބަސްވެފައިވާ އެންމެ ބޮޑު އަސްކަރީ އެހީއެވެ. އަދި އިސްރާއީލުގެ މިސައިލް ޑިފެންސް ޕްރޮގްރާމުތަކަށް ވެސް މިފަހަރުގެ އެއްބަސްވުމުގައި ހާއްސަ ފަންޑުތައް ހަމަޖައްސާފައިވެއެވެ.
އާއެއްބަސްވުމުގެ ދަށުން އިސްރާއީލުން ފުރިހަމަ ކުރަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އަސްކަރިއްޔާގެ ބޭނުންތަކަށް އިސްރާއީލުގެ ކުންފުނިތަކަށް ވުރެ އެމެރިކާގެ ކުންފުނިތައް ބޭނުން ކުރުން ހިމެނެއެވެ.
އެމެރިކާ އާއި އިސްރާއީލުން އެއެއްބަސްވުމުގައި ސޮއި ކުރަން ނިންމާފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެއަޅަމުން ދިޔުމަކީ އެސަރަހައްދުގައި ސުލްހަ ގާއިމު ކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް އެމެރިކާއިން ބުނުމަށް ފަހުގައެވެ. (ބީބީސީ)