އަޟުހާ ޢީދު ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅޭގޮތުން ފިގުހު އެކަޑެމީގެ ކުރީގެ ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އިއްޔެ ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

ޑރ. އިޔާޒު ވިދާޅުވީ، މިއިން ޒަމާނަކު ވެސް ނުހިންގާ ވަރަށް މުޅި ގައުމުގައި ފާހިޝް މުންކަރާތްތައް ހިމެނޭ ގޮތަށް ނާޗަރަންގީ ހިންގުމަކީ ބަރަކާތްތެރި ޢީދު ފާހަގަކުރުން ނޫން ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި މިހާރު ހިންގަމުން ގެންދާ ހަރަކާތްތަކަކީ ޢީދު ފާހަގަކުރުން ނޫން ކަމަށެވެ. ދައުލަތުން ސްޕޮންސާކޮށްގެން ރައްޔިތުންގެ މާލިއްޔަތުން ޚަރަދުކޮށްގެން ދައުލަތުގެ މީޑިއާއިން ފާހިޝް ކަންކަން ފަތުރަމުންދާ ކަމަށް ޑރ. އިޔާޒު ވަނީ ތުހުމަތު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ދައުލަތުގެ މީޑިއާއިން އެކުރާ ކަމަކީ އިސްލާމީ ދައުލަތެއްގައި އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ފާހިޝް ވާހަކަތަކާއި ހައްދެއް ނެތި ދެ ޖިންސުގެ ޒުވާނުން މަސްހުނި ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީކުރައްވާފައިވާ ކަމެއް ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވާ ގޮތުގައި އެކަންކަމުގެ ތެރެއަށް ޒުވާން ޖީލު ޣަރަގުކޮށްލުމަކީ ޒުވާނުން ބާރުވެރި ކުރުމެއް ނޫނެވެ. އެއީ ޒުވާން ޖީލު ހަލާކުކޮށްލުމެވެ. އެފަދަ ކަންކަމަކީ ޒުވާނުންނަށް ނުހައްގުން އަނިޔާވެރިވުން ކަމަށް ޑރ. އިޔާޒު ވަނީ ވިދާޅުވެފައެވެ.

އެކަންކަމުގެ މުގުލުގައި ތިބި މީހުން ގިޔާމަތް ދުވަހުން ﷲގެ ހަޒުރަތުގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އިޔާޒުގެ އެ ވާހަކަތަކަށް އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ރައްދުވެއްވައިފައެވެ. އޭނާ އެވާހަކަތަކަށް ރައްދު ދެއްވީ އިސްލާމިކް މިނިސްޓްރީ އާއި ފުލުހުންނާއި ސިފައިންނާއި ޖަމްއިއްޔާތައް ގުޅިގެން "ޢީދު ސަޢީދު" މިނަމުގައި ބޭއްވި ކުޑަކުދިންގެ ހަވީރާ ގުޅުންހުރި ފޮޓޯތައް ޝެއާކުރައްވައެވެ.

ޑރ. ޝަހީމް ވިދާޅުވީ، ދައުލަތުން ފަންޑުކޮށްގެން މުޅި ރާއްޖޭގައި އޮތީ ފަސާދަކަމަށް ދީނީ އިލްމުވެރިޔަކު ވިދާޅުވާ ކަމަށެވެ. ނަމަވެސް އެ ދީނީ އިލްމުވެރިޔާ ރައީސްކަން ކުރައްވާ މަހަލްދީބު ފައުންޑޭޝަނުން ވަރަށް ބޮޑު އެއްބާރުލުމެއް ދީގެން އެ ޖަމިއްޔާގެ ލޯގޯ ވެސް ޖަހައިގެން ދައުލަތުން ފަންޑުކޮށްގެން އިސްލާމިކް މިނިސްޓްރީން އިސްލާމީ ޢީދު އުފާ ބާއްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމާ މެދު އެ އިލްމުވެރިޔާ ވިދާޅުވާނީ ކީކޭތޯ ޝަހީމް ސުވާލު އުފެއްދެވިއެވެ.