03 Jun 2011, 12:50
މީގެ ހަފްތާއެއް ކުރިން މާލޭގައި ހިނގި އާލިފާނުގެ ހާދިސާގައި އަނދައި ހުލިވި ގ. ސާލިމިއްޔާގޭގެ މީހުންނަށް އެހީތެރިކަން ހޯދައިދިނުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތުގައި މިހާތަނަށް ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ސަރުކާރު ހިންގާ އެމްޑީޕީގެ ރައީސް ޑރ. ޑީޑީއާ ހަވާލާދީ އެމްޑީޕީގެ ވެބްސައިޓްގައި ބުނެފައި ވަނީ ސާލިމިއްޔާ ގޭގައި ހިނގައި ދިޔަ ހިތާވެރި އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހިވުމަށް “އެމްޑީޕީން ލޮބީކޮށްގެން” ފައިސާ ހޯދަމުންދާ ކަމަށާއި އެކަމަށް އެމްޑީޕީގެ މެންބަރުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށާއި އަދި މިހާތަނަށް 100000 ރުފިޔާ ލިބިފައިވާ ކަމަށެވެ.
އެ ޕާޓީން ބުނީ އެ ފަންޑަށް ލިބޭ ފައިސާ ވިހާ ވެސް އަވަސް މުއްދަތެއްގެ ތެރޭގައި ހަމަހަމަކަމާއި އިންސާފުވެރި ކަމާ އެކު ސާލިމިއްޔާ ގޭގައި ދިރިއުޅުނު ފަރާތްތަކަށް ހަދިޔާކުރައްވާނޭ ކަމަށް ޑރ.ޑީޑީ ވިދާޅުވި ކަމަށް ވެސް ބުނެފައިވެ އެވެ.
އިއްޔެ ޑރ.ޑީޑީ ވަނީ ސާލިމިއްޔާ ގޭގައި ދިރިއުޅުނު އާއިލާތައް މިހާރު ދިރިއުޅެމުންދާ ވަގުތީ ހިޔާ ކަމަށްވާ ސޯޝަލް ސެންޓަރަށް ވަޑައިގެން އެ ގޭ މީހުންނާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ހާލުއަހުވާލު ބައްލަވާ ލައްވާފައި ކަމަށް އެމްޑީޕީން ބުންޏެވެ.