ޔުއެފާ ޗެމްޕިއަންސް ލީގްގައި ބާސެލޯނާ އަތުން 7-0ގެ ނަތީޖާ އަކުން ރޭ ސެލްޓިކް ބަލިވި ނަމަވެސް އެ ނަތީޖާއާ މެދު ލަދު ނުގަންނަ ކަމަށާއި މެޗުން ވަރަށް ގިނަ ފިލާވަޅުތަކެއް ދަސްވެއްޖެ ކަމަށް ސެލްޓިކްގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފިއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރޯޖާސް ބުނީ ސެލްޓިކް އާއި އަޅައިކިޔާއިރު ބާސެލޯނާ އަކީ ތަފާތު، ގިނަ މޮޅު ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށާއި އެ މެޗުން ބަލިވުމަކީ އެއްވެސް ވަރަކަށް ލަދު ގަންނަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.

"އެ މެޗުގައި ފެނިގެން ހިގައްޖެ ދެ ޓީމްގެ ތަފާތު. ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންނާ ދެކޮޅަށް އަހަރެމެން މިކުޅުނީ. ވަރަށް ވެސް އުނދަގޫ ތަފާތު ތަޖްރިބާ އެއް. ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެ،" މިދިޔަ ސީޒަނުގައި ލިވްޕޫލްގެ ކޯޗުކަމުން ވަކިކުރި ރޮޖާސް ބުންޏެވެ.

ރޮޖާސް ބުނީ ތަފާތު ބޮޑު ނަތީޖާ އަކުން ބަލިވުމުން ސެލްޓިކްގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ދެރެވަ މާޔޫސް ވެފައި ކަމަށާއި ނަމަވެސް އެ މެޗުގެ ސަބަބުން ލީގްގައި އެ ޓީމް ކުޅޭ މެޗު ތަކަށް އެއް ވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

"އަހަރެމެން ބާސެލޯނާ އާ ދެކޮޅަށް މި ނިކުތީ ލީގްގައި އެންމެ ފަހުން ކުޅުނު މެޗު ވެސް 5-1ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްގެން. ލީގްގައި މި ޓީމް އަންނަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން،" މި ސީޒަނުގައި ސެލްޓިކްގެ ކޯޗުކަމާ ހަވާލުވި ރޮޖާސް ބުންޏެވެ.

ރޭގެ އެ ބައްޔަކީ ޔޫރަޕްގެ މުބާރާތެއްގައި ސެލްޓިކް އެންމެ ތަފާތު ބޮޑުކޮށް ބަލިވި ފުރަތަމަ ފަހަރެވެ. އަދި ސެލްޓިކް ކޮޅަށް ހަތް ގޯލު ޖަހައިގެން ބާސެލޯނާ ވަނީ ކުލަބުގެ ތާރީހްގައި ޗެމްޕިއަންސް ލީގްގައި އެންމެ ތަފާތު ބޮޑު މޮޅު ހޯދާފައެވެ.