ޔުއެފާ ޗެމްޕިއަންސް ލީގްގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އާއި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލެބާކް ރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗު ވިއްސާރަ ވުމުގެ ސަބަބުން ފަސްކުރުމަށް ފަހު އަލުން މިރޭ ކުޅުމަށް ތާވަލުކޮށްފިއެވެ.

ވިދާ ގުގުރައި، ގަދަ ވަޔާ އެކު ވެހެމުން ދިޔަ ވާރޭގެ ސަބަބުން ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ފެން ހެދިފައިވާއިރު ރެފްރީ ޖޯން ކުއިޕާސް ވަނީ ރޭގެ މެޗު ފެށުމުގެ ގަޑި ޖެހުމާއި އެކު ބައިގަޑިއިރު މަޑުކުރުމަށް ފަހު ވިއްސާރަ އަލި ނުވުމުން މެޗު ފަސްކޮށްފައިވާ ކަން އިއުލާން ކޮށްފައެވެ.

ޔުއެފާ އިން ބުނީ ވިއްސާރައިގެ ސަބަބުން ފަސް ކުރި ގުރޫޕް ސީގެ ސިޓީ އާއި މޮންޗެންގްލެބާކްގެ މެޗު މިރޭ 11:45ގައި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުމަށް އަލުން ތާވަލަ ކޮށްފައިވާ ކަމަށާއި އެ މެޗަށް ވަނުމަށް ރޭގައި ނެގި ޓިކްޓްތައް ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.

އިނގިރޭސިވިލާތަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ ގައުމުގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެފައިވާ އިރު މެންޗްސްޓާ އަށް ރޭ ވަނީ ގަޑިއަކު 32.4 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

ސިޓީ ހިމެނޭ ގުރޫޕް ސީގައި ރޭ ބާސެލޯނާ އާއި ސެލްޓިކް ކުޅުނު މެޗު ބާސެލޯނާ އިން ވަނީ ފަސޭހަ ކަމާ އެކު 7-0ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައެވެ.