'ކައި ޕޯ ޗޭ'ގެ ތަރި ސުޝާންތު ސިންގް ރާޖްޕުތު އަދި 'ހީރޯޕަންތީ' އިން ބޮލީވުޑަށް ތައާރަފުވި ކްރިތީ ސަނޯން އަކީ މިހާރު އެންމެ ގިނައިން ވާހަކަ ދެކެވޭ ތަރިންގެ ލިސްޓުގެ ކުރީގައި ހިމެނޭ ދެ ތަރިންނެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒް ކުރާ ފިލްމް 'ރާބްތާ' ގައި ދެ މީހުން މަސައްކަތް ކުރަން ފެށި ހިސާބުން، އެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް ވާކަމަށް ވާހަކަތައް ދެކެވެން ފެށި އެވެ.

ފިލްމުގެ މަސައްކަތް ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ސުޝާންތު ވަނީ އޭނާ ހަ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންކިތާ ލޮކާންޑޭ އާ ރުޅިވެފައެވެ. އެއާއެކު، ސުޝާންތުއާ ކްރިތީ އާ ގުޅުވައިގެން ދެކެވޭ ވާހަކަތައް އިތުރުވި އެވެ.

މިއަދާ ހަމައަށް ވެސް ދެ ތަރިން އަންނަނީ އެ ވާހަކަތައް ދޮގު ކުރަމުންނެވެ. އަދި ކްރިތީ މިވަނީ ދެމީހުންނާ ގުޅުވައިގެން ދެކެވޭ ވާހަކަތައް މަތިން ފޫހިވެ، އެފަދަ ސުވާލަކަށް ޖަވާބު ދޭން ބޭނުން ނުވާ ކަން ވެސް ހާމަކޮށްފައެވެ.

އަމީތާބް ބައްޗަންގެ ފިލްމް "ޕިންކް"ގެ ސްކްރީނިންގެ ތެރެއިން ރިޕޯޓަރަކު ވަނީ ކްރިތީ އާ ސުވާލު ކުރަން މަސައްކަތް ކޮށްފައެވެ. އެއާއެކު ކްރިތީ ވަނީ " އެއް ސުވާލަކަށް ޖަވާބު ދީ ދީ ފޫހިވެއްޖެ،" ކަމަށް ބުނެފައެވެ.

ޚަބަރުތައް ބުނާ ގޮތުން ރިޕޯޓަރު މަސައްކަތް ކުރީ ސުޝާންތުގެ ކުރިއަށް އޮތް އުންމީދީ ފިލްމު "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އާ ގުޅޭގޮތުން ސުވާލު ކުރާށެވެ. ދެމީހުންގެ ގުޅުމުގެ ވާހަކަ އެއް ނޫނެވެ.

ރިޕޯޓަރުގެ ސުވާލު ފުރިހަމައަށް އިވުމުން ކްރިތީ ބުނީ ފިލްމާ މެދު ބޮޑު އުންމީދެއް ކުރެވޭ ކަމަށެވެ.