ދެހާސް އެއްވަނަ އަހަރު ނުކުތް ފިލްމު 'ތުމް ބިން'ގެ ދެވަނަ ފިލްމުގައި އެމެރިކާގެ މަޝްހޫރު އާރްއެންޑްބީ/ހިޕްހޮޕް/ރެޕް ލަވަކިޔުންތެރިޔާ އޭކަންގެ ލަވައެއް ހިމަނޭނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.

އޭކަން ވަނީ މީގެ ކުރިން ޝާހު ރުކް ޚާންގެ ފިލްމު "ރާވަން" ގައި ހިމެނޭ "ޗައްމަކް ޗައްލޯ"ގެ ބައެއް ވެސް ކިޔަދީފައެވެ.

އެކަން އަދި ކަށަވަރު ވެފައި ނުވި ނަމަވެސް، ފިލްމުގެ ޑައިރެކްޓަރު އަނުބަވް ސިންގ އަންނަނީ ފިލްމުގެ ލަވައެއްގައި އޭކަންގެ އަޑު ހިމެނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ޚަބަރުތައް ބުނާ ގޮތުން، އޭކަން ކިޔައިދޭނީ 'ތުމް ބިން'ގެ ލަވަ "ތުމްހާރޭ ސިވާ ކުޗް ނާ" އެވެ. އަދި އެ ލަވަ ހިމަނާނީ "ތުމް ބިން 2"ގެ ކްރެޑިޓް ލަވައިގެ ގޮތުގައި ކަމަށްވެ އެވެ.

އޭކަންގެ އިތުރުން އެ ލަވައިގައި ޕާކިސްތާނުގެ ކުޅަދާނަ ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ވެސް ބައިވެރިވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. ލަވައިގެ ވީޑިއޯ ނެގުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޫބަރު މަހު އިންޑިއާގައެވެ.

'ތުމް ބިން 2' ޝޫޓު ކޮށްފައި ވަނީ ސްކޮޓްލެންޑުގައެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 18 ވަނަ ދުވަހު އެވެ.

އެ ފިލްމުގެ މުހިންމު ރޯލު ތަކުން ފެންނާނީ ބޮލީވުޑަށް މުޅިން އައު ފަންނާނުން ކަމަށްވާ ނޭހާ ޝަރްމާ، އަދިއްތުޔަ ސީލް އަދި އާޝިމް ގުލާޓީ އެވެ.