14 Sep 2016, 10:12
ސަލްމާން ޚާން އަދި ކެޓްރީނާ ކައިފް އެކުގައި ކުޅުނު ހިޓު ފިލްމު "އެކް ތާ ޓައިގާ" ގެ ދެވަނަ ބަޔަކަށް ތައްޔާރުވެފައި ވާކަމަށް އެ ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފިއެވެ.
ދެހާސް ބާރަ ވަނަ އަހަރު ރިލީޒް ކުރި އެ ފިލްމުގެ ސީކުއަލް އެއްގެ ވާހަކަތައް ދެކެވޭތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް، އެކަން ރަސްމީކޮށް ކަށަވަރުކޮށްދީފައި ވަނީ ޢީދުގެ މުނާސަބަތާ ގުޅުވައިގެން އަލީ އައްބާސް ޒަފަރު ކުރި ޓުވީޓެއްގައެވެ.
ފިލްމުގެ ދެވަނަ ބަޔަށް ކިޔާނީ "ޓައިގާ ޒިންދާ ހޭ" އެވެ. ފިލްމުގެ ދެވަނަ ބައިން ވެސް ފެނިގެންދާނީ ކެޓްރީނާ އަދި ސަލްމާނެވެ. ނަމަވެސް ފުރަތަމަ ފިލްމާ ޚިލާފަށް އެ ފިލްމު ޑައިރެކްޓު ކުރާނީ ސަލްމާންގެ ހިޓް ފިލްމު "ސުލްތާން"ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރެވެ. ފިލްމުގެ ފުރަތަމަ ބައި ޑައިރެކްޓް ކުރީ ކާމިޔާބު ޑައިރެކްޓަރު ކަބީރު ޚާނެވެ.
"ޓައިގާ ޒިންދާ ހޭ" ގެ ފަސްޓް ލުކް ވެސް މިހާރު ދައްކާލާފައި ވާއިރު. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ.
އެ ފިލްމު ވެގެންދާނީ ސަލްމާން އަދި ކެޓްރީނާ އެކުގައި ފެނިގެންދާ ފަސް ވަނަ ފިލްމަށެވެ. "މައިނޭ ޕިޔާރު ކިޔުން ކިޔާ؟"، "ޕާޓްނަރ"، "ޔުވްރާޖް" އަދި "އެކް ތާ ޓައިގާ" އަކީ ދެ ފަންނާނުން އެކުގައި ފެނިގެން ގޮސްފައިވާ ފިލްމުތަކެވެ.
ސަލްމާން އަދި ކެޓްރީނާ ވެސް ވަނީ މީގެ ކުރިން ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު އާއެކު މަސައްކަތް ކޮށްފައެވެ.