ޔޫއެފާ ޗެމްޕިއަންސް ލީގުގެ 'ގްރޫޕް ޑީ'ގައި ރޮސްޓޯވް އަތުން ފަސޭހަކަމާއެކު ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައި ރަޝިއާގެ ރޮސްޓޯވް އަތުން ޖަރުމަން ޗެމްޕިއަން ބަޔާން މޮޅުވެފައިވަނީ 5-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ބަޔާނަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީ އެވެ. ބަޔާނަށް އެ ޕެނަލްޓީ ލިބިފައިވަނީ ރޮސްޓޯވްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލެވަންޑޯސްކީ އަށް އެލެކްސެންޑާ ގަޓްކަން ކުރި ފައުލަކާ ގުޅިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ބަޔާނުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ ޑޭވިޑް އަލަބާ ނަގައިދިން ނުރައްކާތެރި ހުރަހަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖަރުމަން ފޯވަޑް ތޯމަސް މުލާ އެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ބަޔާނުން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ޑުގްލަސް ކޮސްޓާ ނަގައިދިން ހުރަހަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖަރުމަން އެ ޓީމުގެ ޖަރުމަން މިޑްފީލްޑަރު ޖޯޝުއާ ކިމިޗް އެވެ.

އޭގެ ހަތް މިނެޓް ފަހުން ބަޔާނުން ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތިން ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ކިމިޗް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ހުއާން ބާނަޓް ނަގައިދިން ހުރަހަކުންނެވެ.

ބަޔާންގެ ފަސް ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. ފްރާންސް މިޑްފީލްޑަރު ފްރޭންކް ރިބަރީ ދިން ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ބާނަޓް އެވެ.

'ގްރޫޕް ޑީ'ގައި ރޭ ކުޅުނު އަނެއް މެޗުގައި ނެދަލެންޑްސްގެ ޕީއެސްވީ އަތުން 1-0 ލަނޑުގެ ހަނިތަފާތަކުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ވަނީ މޮޅުވެފައެވެ. ރަށުން ބޭރުގައި ކުޅެމުންދިޔަ އެތުލެޓިކޯ އިން ކާމިޔާބުކުރި ލަނޑު މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ސައުލް ނިގުއޭޒް އެވެ.

ޗެމްޕިއަންސް ލީގުގެ 'ގްރޫޕް ބީ'ގައި ރޭ ކުޅުނު ދެ މެޗަށް ބަލައިލާ އިރު، ރަށުން ބޭރުގައި ޔޫކްރޭންގެ ޑައިނަމޯ ކިޔެވް އަތުން 2-1 ލަނޑުން އިޓަލީގެ ނަޕޯލީ ވަނީ މޮޅުވެފައެވެ. ޑެނިސް ގާމޭޝް ޑައިނަމޯ އަށް ލީޑު ހޯދައިދިން ނަމަވެސް، އާކަޑުއިޒް މިލިކް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި ނަޕޯލީ އަށް ލީޑު ހޯދައިދީފައެވެ.

އެ ގްރޫޕުގައި ޕޯޗުގަލްގެ ބެންފީކާ އާއި ތުރުކީގެ ބެސިކްޓާސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ ކުރީކޮޅު ފްރެންކޯ ޗާވީ އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ބެންފީކާ އަށް ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި އެންޑަސަން ޓަލިސްކާ ވަނީ ބެސިކްޓާސް އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.