14 Sep 2016, 11:29
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޗިލީ ތަރި އެލެކްސިސް ސަންޗޭޒް ކާމިޔާބުކޮށްދިން ލަނޑުން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަތްދަށުން އާސެނަލް ސަލާމަތްވެއްޖެ އެވެ.
ޕީއެސްޖީގެ ދަނޑުގައި ރޭ އިނގިރޭސިވިލާތުގެ އާސެނަލާއި ފްރާންސް ޗެމްޕިއަން ޕީއެސްޖީ ކުޅުނު 'ގްރޫޕް އޭ'ގެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ 42 ވަނަ ސިކުންތުގައި ޕީއެސްޖީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ސާޖް އޯރިއާ ދިން ރީތި ބޯޅައަކުން ޕީއެސްޖީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އުރުގުއާއީ ފޯވަޑް އެޑިންސަން ކަވާނީ އެވެ. އެއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އާސެނަލް ކޮޅަށް ވަން އެންމެ އަވަސް ލަނޑެވެ.
އެ ލަނޑަށްފަހު ޕީއެސްޖީ އަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އިރު، އާސެނަލަށް ވެސް ނަތީޖާ ހަމަހަމަކޮށްލުމަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
އާސެނަލަށް މެޗުގެ ނަތީޖާ ހަމަހަމަކުރެވުނީ މެޗުގެ 77 ވަނަ މިނެޓުގައެވެ. އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސަންޗޭޒް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކޮށްފައިވަނީ އާސެނަލްގެ އެލެކްސް އިވޯބީ ފޮނުވާލި ހަމަލާ، ޕީއެސްޖީގެ ކީޕަރު އަލްފޮންސޭ އަރެއޯލާ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން އުފެއްދި ހަމަލާއަކުންނެވެ.
މެޗުގެ އިތުރު ވަގުތުކޮޅު ތެރޭގައި އާސެނަލްގެ އޮލިވާ ޖިރޫ އަދި ޕީއެސްޖީގެ މާކޯ ވެރާޓީއަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައިފައެވެ. އެ ދެކުޅުންތެރިންނަށް ކާޑު ދައްކާފައިވަނީ ޖިރޫ ފައުލްކޮށްފައި ވަނިކޮށް، ދެ ކުޅުންތެރިންގެ މެދުގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެންނެވެ.
އެ ގްރޫޕުގައި ސްވިޒަލެންޑްގެ ބާސެލް އާއި ބަލްގޭރިއާގެ ލުޑޮގްރެޓްސް ބައްދަލުކުރި މެޗު ވެސް ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ 45 ވަނަ މިނެޓުގައި ޖޮނަތަން ކަފޫ ލުޑޮގޮރެޓްސް އަށް ލީޑު ހޯދައިދިން އިރު، އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ބާސެލް އަށް މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ނަތީޖާ ހަމަހަމަކޮށްދިނީ ރެނާޓޯ ސްޓެފަން އެވެ.