03 Jun 2011, 12:20
ޓެކްސްގެ ނިޒާމަށް ނުވަތަ ދައުލަތުގެ އާމްދަނީހޯދާ ގޮތަށް ސަރުކާރުން ގެންނަ ބަދަލުތަކުން، އެކަމުގެ ފައިދާ އާންމު ވިޔަފާރި ވެރިންނަށް ކުރާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްވި 100 ވަނަ ރޭޑިއޯ އެޑްރެސްގައި ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ސަރުކާރުން ޓެކްސްގެ ނިޒާމަށް އަދި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ގެންނަ ބަދަލުތައް މި ގެންނަނީ ޢާންމު ވިޔަފާރިއަށް އޭގެ ފައިދާ ކުރާނެ ކަމުގެ ވަރަށް ފުރިހަމަ އިތުބާރާ އެކީގައި ކަމަށެވެ.
"ސަރުކާރުން ދެކެނީ ޓެކްސް ނެގުމުގެ ނިޒާމަށް އެންމެ ބޮޑަށް ތާއީދު ކުރާނީ ވިޔަފާރިވެރިން ކަމަށް. ސަރުކާރުން ދެކެނީ އަދި ޤަބޫލުކުރަނީ ދައުލަތުގެ މާލިއްޔަތަށާއި އަދި އެންމެހާ ފައިސާއާ ގުޅޭ ކަންކަމަށް ވެސް މިއޮތްގޮތް، އެންމެ ސާފުކޮށް އެނގިވަޑައިގެން ތިއްބެވި ބޭފުޅުންނަކަށް ވާނީ ވެސް ވިޔަފާރިވެރިންކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ޕްލޭން، ނެރުމުން އާމްދަނީތައް ހޯދުމުން 2012 އަހަރުގެ އާމްދަނީ 14 ބިލިއަނަށް ހެދުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އޭރުން ސަރުކާރުގެ ޚަރަދު ފޫބެދި، ސަރުކާރުން ކޮމާޝަލް ބޭންކްތަކަށް ބަރޯސާކުރަން ޖެހޭ މިންވަރު ކުޑަވެ، އެ ބޭންކްތަކުގައިވާ ފައިސާ އަމިއްލަ ވިޔަފާރިއަށް ދޫކުރެވި، އަމިއްލަ ވިޔަފާރި ތަރައްޤީވެދާނެކަމީ، މިސަރުކާރު ޝައްކުކުރާ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މިވަގުތު ދިމާވެފައި މިވާ ކަމަކީ ދައުލަތުގެ އާމްދަނީއަށް ވުރެ ދައުލަތުގެ ޚަރަދު ބޮޑުވެގެން ދިއުން ކަމަށާއި އަދި ދައުލަތުގެ ޚަރަދު ކުޑަކުރެވެން ހުރި މިންވަރަކީ، ވަކި މިންވަރެއްކަން ސާފުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ހަފްތާގެ ރޭޑިއޯ އެޑްރެސްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ސަރުކާރުގެ ޚަރަދު ފޫބައްދަމުން މިގެންދަނީ، ވަރަށް ބޮޑަށް ކޮމާޝަލް ބޭންކް ތަކަށް ޓްރެޒަރީ ބިލް ވިއްކައި، އެ ފައިސާ ބޭނުންކޮށްގެން ކަމަށެވެ. އަދި ޓްރެޒަރީ ބިލް މެދުވެރިކޮށްގެން، ޑެފިސިޓް ފޫބައްދަމުން ގެންދިއުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ޢާންމު ބޭންކްތަކުން ފައިސާ ދޫކުރުން ވަރަށްބޮޑުތަނުން ދަތިވެ، މަދުވެގެންދާ ކަމަށެވެ.
"އެ ޙާލަތުން އަރައިގަނެވިގެން މެނުވީ، ޢާންމު ވިޔަފާރި ތަރައްޤީއެއް ނުވާނެ. ސަރުކާރުން ދެކެނީ ޢާންމު ވިޔަފާރި ތަރައްޤީވެގެން ނޫނީ، ވަޒީފާގެ ފުރްޞަތު ފަހިވެގެންނުދާނެ ކަމަށް. ޢާންމު ވިޔަފާރި ހިންގުން ފަސޭހަ ކުރުމަށާއި، ވިޔަފާރީގެ މުޢާމަލާތްތައް، ފަހިގޮތުގައި ހަލުވިކަމާ އެކީގައި ކުރިއަށް ގެންދިޔުމަށް ކޮންމެހެން ބޭނުންވާ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައްވެސް ސަރުކާރުން މިހާރު މިދަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން،"
ވިޔަފާރީގެ އެއް އަސާސަކީ ބިން ކަމަށާއި އެބިމުގެ މުޢާމަލާތް، ވިޔަފާރީގެ އުސޫލުން ކުރެވޭނެ ގޮތް ހޯދަން އެބަޖެހޭ ކަމަށާއި ބިމަކީ ގަނެ ވިއްކި އަދި އޭގެ ވިޔަފާރީގެ މުޢާމަލާތް ކުރެވޭ އެއްޗަކަށް ނުވާހާ ހިނދަކު، ފުރިހަމަ ގޮތުގައި ވިޔަފާރި ކުރިއަރައި ދިޔުން އެއީ ދަތިކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއަދު މިބަދަލު ނުގެނެވިއްޖެނަމަ، ރާއްޖޭގެ ސީދާ މުއްސަނދިކަން އަދި ރާއްޖެއަށް ލިބެން އޮތް ރަނގަޅު ތަނަވަސްކަން ނުލިބޭނެ ކިތަންމެ ގޮތްތަކެއް މެދުވެރިވެދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރަހުނުގެ ފަސޭހަކަމާއި، ބޭންކިންގ ނިޒާމް ފުރިހަމަ ކުރުމާއި އަދި ބޭންކިންގ ނިޒާމުގެ ތެރެއިން ވިޔަފާރީގެ ފުރުސަތުތައް ފަހިކުރުމަށްޓަކައި ކޮންމެހެން ގެންނާން ޖެހޭ ބަދަލުތަކެއް ވެސް އެބަހުރި ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރަހުނުގެ ޤާނޫނަށް އެބަދަލުތައް ގެނައުމަށް ވެސް ސަރުކާރުން ދަނީ ރައްޔިތުންގެ މަޖިލީހަށް ބިލްތައް ހުށަހަޅަމުން ކަމަށެވެ.