14 Sep 2016, 01:19
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އާއި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލެބާކް ބައްދަލުކުރަން ހަމަޖެހުނު މެޗު ވިއްސާރައިގެ ސަބަބުން ފަސްކޮށްފި އެވެ.
އިނގިރޭސިވިލާތަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ސިޓީގެ އެއްތިހާދު ސްޓޭޑިއަމްގައި ކުޅެން ހަމަޖެހުނު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް މެޗު ފަސްކޮށްފައިވަނީ ސަލާމަތީ އަދި ސެކިއުރިޓީ ސަބަބުތަކާ ގުޅިގެންނެވެ.
މެޗު ފެށުމުގެ ކުރިން ކުޅުން ކުރިއަށް ގެންދެވޭތޯ ބެލުމަށް އެ މެޗުގެ ރެފްރީކަން ކުރަން ހަމަޖެހުނު ޖޯން ކުއިޕާސް އިސްވެހުރެ ޓީމަކުން ވަނީ ދިރާސާކޮށްފަ އެވެ. ވިއްސާރައިގެ ސަބަބުން ދަނޑުމަތީގައި ފެންގަނޑު ހެދުމުގެ ސަބަބުން ރެފްރީ ނިންމާފައިވަނީ އެ މެޗު ފަސް ކުރުމަށެވެ.
ޗެމްޕިއަންސް ލީގުގައި ސިޓީ އާއި މޮންޗެންގްލެބާކް ބައްދަލުކުރާ މެޗު ދެން ކުޅޭނެ ތާރީހެއް އެނގިގެންދާނީ އެ ދެ ޓީމާއި ޔޫއެފާއާ އެކު ބާއްވާ ބައްދަލުވުމަކަށް ފަހު އެވެ.
އިނގިރޭސިވިލާތަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ ގައުމުގެ ގިނަ ސަރަހައްދުތަކެއްގައި ވަނީ ފެންބޮޑުވެފަ އެވެ.