13 Sep 2016, 23:40
ލ. ފޮނަދޫގައި މިއަހަރު ބާއްވާ އީދު ޝޯގައި ހުށަހަޅައިދިނުމަށް، ފުރަތަމަ އިންޑިއަން އައިޑޮލް އަދި ޕުލޭބެކް ލަވަކިޔުންތެރިޔާ އަބީޖީތު ސާވަންތު ރާއްޖެ އަތުވެއްޖެ އެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ހުށަހަޅައިދީފައިވާ އަބީޖީތު ރާއްޖެ އައިސްފައިވާކަން އޭނާގެ ޓްވިޓާ އެކައުންޓުގައި ހާމަކޮށްފައިވާއިރު، ފޮނަދޫ އީދު ޝޯގައި އޭނާއާއެކު އޭނާގެ ބޭންޑު ވެސް ހުށަހަޅައިދޭނެ އެވެ.
ފޮނަދޫ ކައުންސިލުގެ ރައީސް އަހުމަދު ރިޔާޒު ވިދާޅުވީ، އަބީޖީތާއި އޭނާގެ ބޭންޑުގެ މެމްބަރުން ފޮނަދޫ އަށް އަންނާނީ މިރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އަދި ލ. ކައްދޫ އެއާޕޯޓުން އޭނާއަށް ހަތްކޮޅުގައި ސަގާފީ މަރުހަބާއެއް ކިޔަން ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލުން ބުނާގޮތުގައި، މިއަހަރުގެ ބޮޑު އީދު ފާހަގަކުރަން އެ ރަށުގައި ތިން ޝޯއެއް ކުރިއަށްދާއިރު އަބީޖީތާއި އޭނާގެ ބޭންޑު ބައިވެރިވާނީ މާދަމާ ރޭގެ ޝޯގައި ކަމަށެވެ. އަދި މާދަމާ ރޭގެ ޝޯ އޭނާއަށް ހާއްސަކޮށްފައިވާއިރު ފުރަތަމަ ރާއްޖޭގެ އައިޑަލް ލައިޝާ ޖުނޭދު އަބީޖީތާއެކު ހުށަހަޅައިދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އަބިޖީތު ފިލްމުތަކަށް ކިޔާފައިވާ ލަވަތަކުގެ ތެރޭގައި "ތީސް މާރް ހާން" ގެ "ޕުންގީ" އަދި "އާޝިގް ބަނާޔާ އާޕްނޭ" ގެ "މަރް ޖާވާ މިޓް ޖާވާ" ލަވަ ފާހަގަކޮށްލެވެ އެވެ.
މިއަހަރުގެ ބޮޑު އީދު އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް ރަށަކީ ފޮނަދޫ އެވެ. އެގޮތުން ޕީއެސްއެމާއި ފޮނަދޫ ކައުންސިލް ގުޅިގެން އެރަށުގައި ބާއްވާ ޝޯތަކުގައި ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ "މޯލްޑިވިއަން އައިޑަލް" ކާމިޔާބުކުރި ލައިޝާ އާއި މުބާރާތުގެ ތިން ވަނަ ހޯދި ލަވަ ކިޔުންތެރިޔާ އަހުމަދު އިޝާންގެ އިތުރުން ހިތްތަކާ ކުޅެލި މުހައްމަދު ޒަލީފް އަބްދުﷲ (ފިޓްގާއީ) ހިމެނެ އެވެ.