02 Jun 2011, 20:45
ކ. ތުނބަފަޅުގައި ގާނޫނާ ހިލާފަށް މަސައްކަތްކޮށް އެ ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއްދީފައިވާ ކަމަށް ބުނެ ޗަމްޕާ މުހައްމަދު މޫސާ 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަށް ނިންމި ނިންމުމާ މެދު ހިތްހަމަޖެހިވަޑައިނުގެން، އެންވާރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ )އީޕީއޭ(ގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒުހެއިރު މިއަދު އިސްތިއުފާދެއްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު މީޑިއާގައި ވާހަކަ ދައްކަވަމުން ޒުހެއިރު ވިދާޅުވީ، މިއަދު އިސްތިއުފާދެއްވީ "ތުނބަފުށީގެ ޖޫރިމަނާ ކުރާ ކަންތަކާ ހިތްހަމަނުޖެހޭތީ" ކަމަށާއި އެކަންތައް ކުރިއަށްގެންގޮސްފައި ވަނީ ސިޔާސީ ކުލަ ޖެހިގެން ކަމަށް ވާތީ ކަމަށެވެ.
"އެކަންތަކުގައި ކޮންމެވެސް ވަރަކަށް ސިޔާސީ ކުލަ ޖެހުމާއި ވަރަށް ބޮޑަށް ޒާތީ ކަންތައްތަކެއް އޭގެ ތެރޭގައި ހިމެނޭތީވެ، އެކަމާ ހިތްހަމަނުޖެހިގެން އަޅުގަނޑު އިސްތިއުފާ ދިނީ. ދެން އެންވާރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަކީވަރަށް ފަންނީ ގޮތުން ޕްރޮފެޝަނަލްކޮށް މަސައްކަތްކުރަން ޖެހޭ ތަނެއް. އެހެންނަމަވެސް، އެ ކަންތައްތަކުގެ ތެރެއަށް ސިޔާސީ ކަންތައްތަކާއި ޒާތީ ކަންތައްތައް ވަނީމަ އަޅުގަނޑުމެންނަށް، ހާއްސަކޮށް އަޅުގަނޑަށް އެކަމުގައި ކުރިއަށްދާން، ވަޒީފާގައި ހުންނަން ނުފެންނާތީ އަޅުގަނޑު މިއަދު އިސްތިއުފާ މިދިނީ،" ޒުހެއިރު ވިދާޅުވި އެވެ.
މިކަމުގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ވިދާޅުވެ، އީޕީއޭގެ އިސްވެރިޔާ އިސްތިއުފާ ދެއްވިއިރު އުއްޗުގެ ވަކީލުންގެ ޓީމުން މިހާރު ވަނީ އެ މައްސަލަ ކޯޓަށް ވައްދަން ތައްޔާރުވެފަ އެވެ.
ތުނބަފަޅަށް ލިބުނު ގެއްލުމުގެ ސާވޭ ރިޕޯޓް އުއްޗުއާ ހިއްސާކޮށްފައިނުވުމާއި ޖޫރިމަނާކުރަން ނިންމި އިރު އޭނާގެ ބަހެއް ހޯދައިފައިނުވުމުގެ އިތުރަށް މާކުރިން ކޮށްފައިވާ މަސައްކަތްތަކަކާ ގުޅިގެން މި އަހަރުގެ ފެބްރުއަރީ މަހު އެކުލަވާލައިފައިވާ ގަވައިދެއްގެ ދަށުން ޖޫރިމަނާ ކުރަން ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ކަމަށް އުއްޗުގެ ވަކީލު އައިޝަތު އާޒިމާ ޝަކޫރް ވަނީ މިއަދު ވިދާޅުވެފަ އެވެ.
އީޕީއޭގެ ނޫސްބަޔާނުގައިވާ ގޮތުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 100 މިލިއަން ރުފިޔާ ދެއްކުމަށް އަންގާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ނެރުނު "ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް ޖޫރިމަނާ ހޯދުމާއި ބަދަލު ހޯދުމުގެ ގަވައިދު"ގެ ދަށުންނެވެ.
އަދި ޖޫރިމަނާކޮށްފައި ވަނީ އޭނާގެ ބަހެއް ނުހޯދައި ކަމަށް އުއްޗު ވިދާޅުވެފައި ވާތީ އެންވާރަމަންޓް މިނިސްޓްރީން ވަނީ އެކަމަށް ރައްދު ދިނުމުގެ ގޮތުން މިދިޔަ މަހުގެ 18 ވަނަ ދުވަހު އުއްޗުއަށް ފޮނުވާފައިވާ ސިޓީ އަކާއި އެސީޓީއަށް ލިބުނު ޖަވާބު މީޑިއާއާ ހިއްސާކޮށްފަ އެވެ. އެ ސިޓީގައިވާ ގޮތުގައި، ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމާ ބެހޭ ގަވައިދުގެ ޖަދުވަލު ހައެއްގެ ދަށުން ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް ތައްޔާރުކޮށް، މި މަހުގެ އެއް ވަނަ ދުވަހު ހުށަހެޅުމަށް އީޕީއޭން ވަނީ އުއްޗު އަށް ވަނީ އަންގާފައި އެވެ. އަދި އެ ސިޓީގައި އިތުރަށް ބުނަނީ، "ތިމާވެއްޓަށް ލިބިފައިވާ ގެއްލުންތަކަށް ބަދަލު ހޯދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް މި އޭޖެންސީން" އަޅަމުންގެންދާނެ ކަމަށެވެ.
ސިޓީގައި ސޮއިކުރައްވާފައި ވަނީ މިއަދު އިސްތިއުފާދެއްވި ޒުހެއިރެވެ.
އެ ސިޓީއަށް ފޮނުވި ޖަވާބުގައި އުއްޗު ވިދާޅުވެފައި ވަނީ، ތުނބަފަޅު ހިއްކުމުގައި ތިމާވެށީގެ ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާތީ، ޖޫރިމަނާ ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"ވުމާއެކު ހަވާލާދެވިފައިވާ ސިޓީގައި އެދިވަޑައިގެންގައިފައިވާ ގޮތަށް 1 ޖޫން 2011ގެ ކުރިން ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް ހުށަހަޅަން ނުޖެހޭނެ ކަމަށް ދެކެމެވެ." އެ ސިޓީގައިވެ އެވެ.
ސިނާއީ މަސައްކަތްތަކެއް ކުރުމަށް ތުނބަފަޅު އުއްޗުއަށް ކުއްޔަށް ދީފައި ވަނީ 1992 ވަނަ އަހަރެވެ. އަދި އެ އެގްރިމެންޓް 1995 އަހަރާއި 2006 ވަނަ އަހަރު އާކޮށްދީފައިވެ އެވެ. އެންމެ ފަހުން 2006 ވަނަ އަހަރުގެ އެގްރިމެންޓުގައިވާ ގޮތުގައި ތުނބައްފަޅު ކުއްޔަށްދީފައި ވަނީ ކުލީގެ ގޮތުގައި އަހަރަކު 100،000ރ.ގެ ދައްކަންޖެހޭ ގޮތަށް 21 އަހަރު ދުވަހަށެވެ.