ބޮޑު އީދުގެ ފޯރީގައި ރައްޔިތުން "ހޭލަމޭލަށް" އުޅެނިކޮށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މި ވަނީ ނަސޭހަތުގެ ޓްވީޓެއް ކުރައްވާފަ އެވެ. އެއްވެސް ސަބަބަކާ ނުލައި މިފަދަ ބަސްފުޅެއް އެމަނިކުފާނު ވިދާޅެއް ނުވާނެ އެވެ. ނުސީދާކޮށް މި ނަސޭހަތުގެ ބަސްފުޅު ވަކި މީހަކަށް އަމާޒު ކުރައްވަނީ ކަމަށް ވެސް ބުނެވިދާނެ އެވެ. ރާއްޖޭގެ ސިޔާސީ ވެށި އެނބުރެމުންދާ ބާރުމިނުގައި އެ ބަސްފުޅު ގޮސް ހުއްޓޭނެ ކިތަންމެ ބަޔަކު އެބަތިއްބެވެ.

ހިތް ހަލާސްކޮށް، ކުރި ކުށަށް މައާފުކޮށް، ސަލާންގަލާން ކުރުމަށް މައުމޫން މިއަދު ހަވީރު ކުރެއްވި ޓްވީޓުގައި ވަނީ ބާރު އަޅުއްވާފަ އެވެ.

"މާފު ކުރުމެއް ސަލާމް ކުރުމެއް ނެތި ޢީދު ދުވަހެއް ފާއިތުވެގެން ހިނގައްޖެނަމަ، އެ ވެގެންދާނީ ހަމައެކަނި ކަލަންޑަރުން ވެއްޓިގެންދިޔަ ގަނޑަކަށެވެ،"ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

ރާއްޖޭގެ ސިޔާސީ ވެށީގައި ހުރި އެންމެ ވަރުގަދަ ތަނބަކީ ރައީސް މައުމޫނެވެ. އެމަނިކުފާނަށް ވުރެ ސިޔާސީ ގޮތުން ދޮށީ ބޭފުޅަކު ނެތެވެ. އެމަނިކުފާނުގެ ނިންމެވުމަކުން މުޅި މަސްރަހު އެނބުރިގެން ހިނގައިދާނެ އެވެ.

މައުމޫން އެފަދަ ނިންމެވުމަކާ ހުރެ، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އާންމު މެމްބަރުން މިހާރު ވެސް ތިއްބީ "ދެކޮޅަށް ކިރިކިރި" އެވެ. ޕީޕީއެމް އިސްލާހު ކުރުމަށް ފެށި އިސްލާހީ އެޖެންޑާއާއެކު އެ ޕާޓީ އޮތީ ދެފަޅިވެފަ އެވެ. އެއްކޮޅުގައި ރައީސް މައުމޫނެވެ. އަނެއްކޮޅުގައި އެމަނިކުފާނުގެ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

މައުމޫނާއި ރައީސް ޔާމީންގެ ގުޅުން ގޯސްވެފައި ވަނިކޮށް މައުމޫން މިއަދު ކުރެއްވި ޓްވީޓު ހާލަތާ ވަރަށް ގުޅެ އެވެ. މި އީދުގައި ވެސް އެ ދެ ބޭފުޅުން ސަލާމްގަލާމް ކުރުމަަށް މައުމޫން އިސް ނެންގެވީ ކަމަށް ބުނެވިދާނެ އެވެ. އެއީ ދެ ބޭފުޅުންގެ ގުޅުން ގޯސްވި ފަހުން އެކުގައި ދެ ބޭފުޅުން "އެއްތަންވި" ތަނެއް މީޑިއާއަކަށް އަދި ނުފެނެ އެވެ. މައުމޫން ކުރެއްވި މެސެޖުތަކަށް ރައީސް ޔާމީން ޖަވާބު ދެއްވި ކަމެއް އަދި ނޭނގެ އެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ދެ ބޭފުޅުންގެ ހިޔާލުތަފާތުވުން ބޮޑުވި ފަހުން ރައީސް މައުމޫން ކުރައްވާ ބައެއް މެސެޖުތަކަކަށް ރައީސް ޔާމީން ޖަވާބެއް ނުދެއްވަ އެވެ.

އީދުގެ މި އުފަލާއެކު ވޭދުވެދި ކަންކަން ހަނދާން ނައްތާލައި މައާފުކޮށް، ސާފު ހިތަކައިގެން ދިއުމަށް މައުމޫންގެ ޓުވީޓުން އެވަނީ ބުނެ ދެއްވާފަ އެވެ. އެމަނިކުފާނު އެ ވިދާޅުވާ ގޮތުން އެފަދަ މައާފެއްކޮށްފިނަމަ އެކަން ވެގެންދާނީ ހަމައެކަނި ކަލަންޑަރުން ވެއްޓިގެންދާ ގަނޑަކަށް އެކަންޏެއް ނޫނެވެ. އެއީ ހިނިތުންވުން ގެނެސްދީ، ހާލަތު ބަދަލުކޮށްލާނެ ނިންމުމަކަށެވެ.