ކޯޓު އަމުރެއްގެ ދަށުން ކަރެކްޝަނަލް ސާވިސްގެ ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެ އެވެ.

އެމްއީއެސް ފުރަގަހުގައި ހުންނަ ކަރެކްޝަނަލް ސާވިސްގެ ރިމާންޑް ސެންޓަރުގައި ބަންދުކޮށްފައި ހުއްޓާ މަރުވީ އދ. ފެންފުށީ، އެއްގަމުގެ، އާދަމް އަލީ، 57، އެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން "ސަން"އަށް ވިދާޅުވީ އޭނާ ނިޔާވި އިއްޔެ ހެނދުނު ކަމަށެވެ.

"ގޮޅީގައި ހުއްޓާ އިއްޔެ ހެނދުނު 8:15ގައި ވެއްޓުނީ. އަޅުގަނޑުމެން ހޮސްޕިޓަލަށް ގެންގޮސްފިން 8:20ގައި. ގެންދިޔަ އިރުވެސް ހަރަކާތް ހުއްޓިފައި އޮތީ،" ލުގުމާން ވިދާޅުވި އެވެ.

ލުގުމާން ވިދާޅުވީ މަރުވި މީހާ އިއްޔެ އިޝާނަމާދަށްފަހު ވަޅުލާފައިވާ ކަމަށެވެ.

އޭނާ ބަންދުކޮށްފައި ހުރީ ކޮން މައްސަލައާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ.

އޭނާ ވިދާޅުވީ ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން އޭނާ މަރުވި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކަރެކްޝަނަލްގެ ބަންދެއްގައި ހުއްޓާ މީހަކު މަރުވި މައްސަލާގައި ފުލުހުން އަދި މީޑިއާއަށް ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.