ހައްޖުގެ މާތް އަޅުކަން އަދާކުރަން ގޮސް އުޅުނު ދިވެހި ދެ ހައްޖުވެރިއެއްގެ ހާލު ގޯސްވެ، އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި އަންހެނަކަށާއި ފިރިހެނަކަށް ސައުދީ ކިންގު ފައިސަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެކަކީ ހައްޖު ކޯޕަރޭޝަންގެ ހައްޖާޖީއެއް ކަމަށާއި އަނެކަކީ އެކްރޯ ހައްޖު ގުރޫޕުގެ ހައްޖުވެރިއެކެވެ.

އާއިލާގެ އެދުމަށް އެ ދެ މީހުންގެ ވަނަވަރެއް އިސްލާމިކް މިނިސްޓްރިން އާންމެއް ނުކުރެއެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް މިއަދު ސަން އަށް ވިދާޅުވީ އެކޯޕަރޭޝަންގެ ހައްޖުވެރިއާއަށް އައިސީޔޫގައި ފަރުވާދެމުން ދަނީ "ޝޮކެއް" ޖެހުމުގެ ސަބަބުން ކަމަށެވެ.

އައިސީޔޫގައި ފަރުވާދޭތާ ހަފްތާއެއް ވެފައިވާއިރު ހާލު ދެރަވުމުން އަރަފާތު ބިމަށް ނުގެންދެވޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެކްރޯގެ ހަވާލުގައި ދިޔަ ހައްޖުވެރިންގެ ތެރެއިން އައިސީޔޫގައި ފަރުވާދެމުންދާ ހައްޖުވެރިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ހައްޖަށް މަތިވެރި އަޅުކަމަށް ގޮސް ހުއްޓައި ރޭ ވަނީ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި ދިޔަ ޏ. ފުވައްމުލަކު، ދޫޑިގަމް، އަރާމަގު، އަބްދުﷲ ނާސިރު، 70، ނިޔާވެފައެވެ.