ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުންދާ އިނގިރޭސި މިޑްފީލްޑަރު އެރިކް ޑިއާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ.

ޓޮޓެންހަމްއާ އެކު ފަސް އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގައި ޑިއާ ސޮއިކުރުމާ ގުޅިގެން އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި 2021 އަހަރުގެ ނިޔަލަށް އޭނާ ދެމި ހުންނާނެ އެވެ.

ޕޯޗުގަލްގެ ސްޕޯޓިންގް އިން 2014 ވަނަ އަހަރު ޓޮޓެނަހްމްއާ ގުޅުނު އުމުރުން 22 އަހަރުގެ މިޑްފީލްޑަރު ޑިއާ މިހާރު ވެފައިވަނީ އެ ކްލަބުގެ އެންމެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައެވެ. ޓޮޓެންހަމްއާ އެކު ޑިއާ ހަދާފައިވާ އެއްބަސްވުން އާކުރުމުން އުފާކުރާ ކަމަށް ވެސް އެ ކްލަބުން ބުނެ އެވެ.

ޓޮޓެންހަމް ހޮޓްސްޕާގެ އިނގިރޭސި މިޑްފީލްޑަރު އެރިކް ޑިއާ: އޭނާ ވަނީ ޓޮޓެނަހަމްއާ އެކު އިތުރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި --- ފޮޓޯ: ރޮއިޓާސް

މިދިޔަ ސީޒަނުގައި ޓޮޓެންހަމްއާ އެކު ޑިއާ ދެއްކި މޮޅު ކުޅުމާ ގުޅިގެން އޭނާ އަށް ވަނީ އިނގިރޭސި ގައުމީ ޓީމުން ވެސް ފުރުސަތު ލިބިފަ އެވެ. އެގޮތުން ޔޫރޯ 2016ގައި ވާދަކުރި އިނގިރޭސި ޓީމުން ޑިއާ އަށް ޖާގަ ލިބުނު އިރު، އެ މުބާރާތުގައި ރަޝިއާއާ ދެކޮޅަށް ކުޅެ 1-1 ލަނޑުން އެއްވަރުވި މެޗުގައި ހިލޭ ޖެހުމަކުން އޭނާ ލަނޑެއް ކާމިޔާބުކޮށްފައިވެ އެވެ.

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ޓޮޓެންހަމް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާ އިރު، މި ސީޒަނުގައި ޓޮޓެންހަމް ކުޅުނު ކޮންމެ މެޗެއްގެ ފުރަތަމަ 11 އިން ޑިއާ އަށް ފުރުސަތު ލިބިފައިވެ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ފްރާންސްގެ މޮނާކޯއާ ދެކޮޅަށް ނުކުންނާނެ އެވެ. ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅޭ އެ މެޗު ފެށިގެންދާނީ ރާއްޖޭގަޑިން މާދަމާ ރޭ 11:45 ގައެވެ.