ބެންގަލޫރޫ: ކައުވަރީ ކޯރުން ޓަމިލް ނާޑޫ އަށް ކޮންމެ ދުވަހަކު 12،000 ކިއުސެކް ގެ ފެން ދޫކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ބެންގަލޫރޫގައި ކުރިއަށްދާ ހަމަނުޖެހުންތަކުގައި އެކަކު މަރުވެއްޖެ އެވެ.

އިއްޔެ އިން ފެށިގެން ކުރިއަށްދާ ހަމަނުޖެހުންތަކުގައި މިއަދި މީހަކު މަރުވެފައި ވަނީ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ބަޑި ޖެހުމުންނެވެ.

އޮފިޝަލަކާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން، މުޒާހަރާގެ ބައިވެރިޔަކު މަރުވެފައި ވާއިރު މުޒާހަރާގެ ބައިވެރިއެއްގެ އިތުރުން ފަނަރަ ފުލުހުން ވެސް ވަނީ ޒަޚަމްވެފަ އެވެ.

ގިނަ އަދަދެއްގެ ފުލުހުން ޒަޚަމްވެފައި ވަނީ މުޒާހަރާގެ ބައިވެރިން ކާރުތަކާއި ބަސްތަކުގައި ރޯކޮށް، ގައު އުކުމުން ކަމަށް ފުލުހުންނާ ހަވާލާދީ ޚަބަރުތައް ބުނެ އެވެ.

ބެންގަލޫރޫގައި ހަމަނުޖެހުން ބޮޑުވެފައި ވަނީ މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ކައުވަރީ ކޯރުން 12،000 ކިއުސެކް ގެ ފެން ޓަމިލް ނާޑޫ އަށް ދޫކުރުމަށް އިއްޔެ އިންޑިއާގެ ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

ްކަރްނާޓަކާ އަދި ޓަމިލް ނާޑޫ އިން ވެސް ދަނޑުވެރިކަން ކުރުމަށާއި ބުއިމަށް ބޭނުން ކުރަނީ ކައުވަރީ ކޯރުގެ ފެނެވެ. ދެ ސްޓޭޓަށް ވެސް ކޯރުން ވަކި ބައެއް ޚާއްސަ ކޮށްފައި ވާއިރު މިހާރު ދެބަސްވުން އުފެދިފައި ވަނީ ކޮންމެ ސްޓޭޓަކަށް ފެން ލިބޭ މިންވަރާއި މެދުގަ އެވެ. ކޯރުގެ މައްސަލައިގައި ދެ ސްޓޭޓުގެ މެދުގައި ނުތަނަވަސްކަން އުފެދިފައި ވާތާ މިހާރު ގިނަ އަހަރުތަކެއް ވަނީ ވެފަ އެވެ.

މީގެ ކުރިން ކޯޓުން ނިންމާފައި ވަނީ ސެޕްޓެމްބަރު 16 ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހަކު ކައުވަރީ ކޯރުން 15،000 ކިއުސެކް ގެ ފެން ޓަމިލް ނާޑޫ އަށް ދޫކުރުމަށެވެ. ކޯޓުގެ ނިންމުމާ ގުޅިގެން ވެސް މިދިޔަ ހުކުރު ދުވަހު ވަނީ މުޒާހަރާ ކޮށްފަ އެވެ.

ކޯޓުގެ ނިންމުމާ ގުޅިގެން ހަމަނުޖެހުން ހިންގާފައި ވަނީ، ޓަމިލް ނާޑޫ އަށް ދޫކުރަން ޖެހޭ ފެނުގެ މިންވަރު 48،000 ކިއުސެކް އިތުރުވުމާ ގުޅިގެންނެވެ.

ކޯޓުގެ ނިންމުމާ ދެކޮޅަށް އަޑު އުފުލުމަށް ގިނަ ބަޔަކު މަގުތަކަށް ނުކުމެފައި ވާއިރު، އެ މީހުން ބުނަމުން އަންނަނީ ކަރްނާޓަކާ އަށް ވެސް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެފައި ވާއިރު، ފެނުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ކޯޓުގެ ނިންމުމުގެ ސަބަބުން ފެނުގެ ދަތިކަން އިތުރަށް ބޮޑުވާނެ ކަމަށް އަންނަނީ ބުނަމުންނެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރި ވަނީ --- ފޮޓޯ: ރޮއިޓާސް

ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މަގުތަކުގައި 15،000 އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރި ވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެ އެވެ.

މުޒާހަރާގެ ބައިވެރިން އަންނަނީ ޓަމިލް ނާޑޫގެ ލައިސެންސް ޕްލޭޓު ޖެހި އުޅަނދުތައް ހުއްޓުވައި އުޅަނދުތަކަށް ގެއްލުންދީ ރޯކުރަމުންނެވެ. އެގޮތުން މިހާތަނަށް 35 ބަހެއްގައި ރޯކޮށްލާފައި ވާކަމަށް ޚަބަރުތައް ބުނެ އެވެ.

ހަމަނުޖެހުން ބޮޑުވެ އުޅަނދުތަކުގައި ހުޅު ޖަހަން ފެށުމުން ބެންގަލޫރޫގެ މެޓްރޯ ޚިދުމަތާއި ބެންގަލޫރޫ އާއި ޓަމިލް ނާޑޫ އާ ދެމެދުގެ ބަސް ދަތުރު ތައް ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. (ރޮއިޓާސް)