ޖަލުގައިތިބި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތިން މެމްބަރުން މިނިވަން ކުރުމަށް އެ ޕާޓީން ގޮވާލައިފި އެވެ.

އިއްޔެ އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ތިން މެމްބަރުން ކަމަށްވާ އަހްމަދު އީސާއާއި މުހައްމަދު ވަހީދު އަދި އައްސަދު އަލީ ޖަލުގައި ހައްޔަރު ކޮށްގެން ގެންގުޅެނީ ނާއިންސާފުން ކަމަށާއި، އެ ތިން މެމްބަރުން ހައްޔަރުކޮށްގެން އަނިޔާވެރި ވަމުންދާ ކަމަށެވެ.

އެތިން މީހުން ވެސް ވަނީ 13 ދުވަހަށް ކުރިމިނަލް ކޯޓުން މުއްދަތު ޖަހާފައެވެ.

އެމްޑީޕީން ބުނީ އެ ތިން މެމްބަރުން ހައްޔަރުކޮށްފައިވަނީ އަލްޖަޒީރާއިން މިމަހުގެ ހަތްވަނަ ދުވަހު ގެނެސްދިން "ސްޓީލިންގ ޕެރެޑައިސް" ޑޮކިއުމެންޓްރީން ސަރުކާރުގެ ވެރިންގެ ބޮޑެތި ޚިޔާނާތާއި، ބައިނަލްއަޤުވާމީ ޖަރީމާތައް ކަމަށްވާ މަނީ ލޯންޑަރިންގ އާއި ސަރުކާރު އަޑީގައި އޮވެގެން ހިންގާ ޓެރަރިޒަމުގެ ޖަރީމާތައް ފަދަ ބޮޑެތި ޖަރީމާތައް ސާފު ހެއްކާއެކު ދުނިޔެއަށް ފަޅާއަރުވާލުމުން އެކަމުގެ ރުޅިވެރިކަން ރައްޔިތުންނަށާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ރައްދުކުރުމުގެ ގޮތުން ކަމަށެވެ.

އެބަޔާނުގައި ޔާމީންގެ ސަރުކާރުގެ ތާއީދު ގެއްލި ރައްޔިތުންނާއި މުޅި ދުނިޔެ ކުރިމަތީގައި ފަލީހަތްވަމުންދާ މިންވަރު އިތުރުވާ ވަރަކަށް ސިޔާސީ ފަރާތްތައް ހައްޔަރުކުރަމުންދާކަން ފާހަގަ ކުރާ ކަމަށާއި އެ ކަމާމެދު ކަންބޮޑުވާ ކަމަށް ބުނެފައިވެ އެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ތިން މެމްބަރުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މޯލްޑިވްސް ޔުނައިޓެޑް އޮޕަޒިޝަން (އެމްޔޫއޯ)އިން ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. އެމަކާ ގުޅިގެން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ސަން އަށް މީގެ ކުރިން ވިދާޅުވެފައިވަނީ، އެ ތިން މީހުން ވެސް ހައްޔަރުކުރީ މުޒާހަރާ އާ ގުޅިގެން ނޫން ކަމަށާއި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.