02 Jun 2011, 21:30
ރާއްޖޭގައި ހިންގާ ބައެއް ބިއުޓީ ސެލޫންތަކާއި ކްލިނިކްތަކުގައި ހަށިވިއްކުމުގެ ވިޔަފާރި ފުޅާވެފައިވާ މިންވަރު އަންގައިދިނުމަށްޓަކައި ސަންގެ ނިއުސް ޓީމުން ހިންގި އިންވެސްޓިގޭޝަނަށް ފަހު ޝާއިއުކުރި ރިޕޯޓުތަކުގައި ޖިނާއީ މައްސަލަތަކެއްގެ ގޮތުގައި ބެލެވޭ ފާހިޝް އަމަލުތަކެއް ނޫސްވެރިން ހިންގައިފައިވާ ކަމަށް ދޭހަވާ ކަމަށް ބުނެ އެ މައްސަލަ ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް އިން ނިންމައިފި އެވެ.
"އޮޕަރޭޝަން ސަންސެޓް"ގެ ނަމުގައި ސަންގެ ނޫސްވެރިން ހިންގި އިންވެސްޓިގޭޝަނަށް ފަހު ޝާއިއުކުރި ލިޔުންތަކާ ގުޅިގެން މީޑިއާ ކައުންސިލްގައި މިއަދު ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކައުންސިލްގެ ރައީސް މުހައްމަދު ނަޒީފް މިއަދު ވިދާޅުވީ، ނާސިގެތައް ހިންގުމަކީ "ހިތާމަކޮށް ދެރަވާން ޖެހޭ" ކަމެއް ނަމަވެސް، އެކަމާ ގުޅޭ ގޮތުން ސަން އިން ގެނެސްދީފައިވާ ލިޔުންތަކަކީ "އާއްމު މުޖުތަމައުގެ އަހުލާގީ މިންގަނޑަށް ބުރޫ އަރާގޮތަށް" ލިޔެފައި ހުރި ލިޔުންތަކެއް ކަމަށެވެ.
~
އަދި ލިޔުންތަކުގައި ނޫސްވެރިން ފާހިޝް އަމަލުތަކަށް އަރައިގެންފައިވާ ކަމަށް ސިފަވާ ކަމަށް ބުނެ އެ މައްސަލަ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހެޅުމަށް ވެސް މީޑިއާ ކައުންސިލުން ވަނީ ނިންމައިފަ އެވެ. އެ ނިންމުމާ ގުޅޭ ގޮތުން ނަޒީފް ވިދާޅުވި އެވެ؛ "ލިޔެފައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު އެބައުޅޭ މައްސަލަ އުފެދޭ ކަންކަން...ގާނޫނު ބުނަނީ އެކަހަލަ މައްސަލަތައް ޕީޖީއަށް ހުށަހަޅައިގެން ކުރިއަށްގެންދަން. އެހެންވީމަ އަޅުގަނޑުމެން އެ ފަރާތްތަކަށް ހުށަހަޅައިގެން މައްސަލައެއް އޮތްތޯ ބަލައި އެކަން ކުރިއަށްގެންދާނަން."
މީގެ އިތުރުން، ނާސިގެތަކުގެ ވިޔަފާރި ފަޅާއަރުވާލުމަށްޓަކައި އެކަމާ ބެހޭ ތަފާތު ރިޕޯޓްތައް ހިމަނައިގެން އިއްޔެ ބާޒާރަށް ނެރެފައިވާ ސަން މަޖައްލާގެ 24 ވަނަ އަދަދުގެ ކޮޕީތައް ނެގުމަށާއި އެ މަޖައްލާތައް އިތުރަށް ސާކިއުލޭޓް ނުކުރުމަށް ސަން ޓީމަށް އަންގާފައިވާ ކަމަށް މީޑިއާ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ސަން މަޖައްލާގެ އެޑިޓާ އަދި ސަން އެފްއެމްގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ، "ގާނޫނީ ބޮޑީއެއްގެ ނިންމުމަށް އިހިތުރާމްކުރުމުގެ ގޮތުން" މަޖައްލާތައް ބާޒާރުން ނަގާނެ ކަމަށެވެ.
އެހެންނަމަވެސް، ހަށިވިއްކުމުގެ ވިޔަފާރި ފުޅާވެފައި އޮތް މިންވަރު ހާމަ ކުރުމަށް ސަން ޓީމުން ކުރި މަސައްކަތުގައި "ޖިނާއީ ކުށަކަށް" އަރައިގަނެފައި ނުވާނެ ކަމަށެވެ. އަދި މުޅި އިންވެސްޓިގޭޝަނުގެ މަގުސަދަކީ ވެސް ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވެސް ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ނުވަތަ ނާސިގެތައް ފުޅާވެފައިވާ މިންވަރު މުޖުތަމައު އަށް އަންގައިދިނުން ކަމަށް ސިނާން ވިދާޅުވި އެވެ.
"މީޑިއާ އިން އެކިފަހަރުމަތިން ލިޔެގެން ވެސް މިކަމަށް އެދެވޭ ހައްލެއް ނައިސް މިހާރު މިކަން މިވަނީ އެހެން ގައުމުތަކަށް ވުރެ ވެސް ބޮޑަށް ރާއްޖޭގައި އާއްމުވެފައި. އެ ފަސާދައިގެ އަމަލު ރިޕޯޓްކުރުން އަޅުގަނޑުމެންގެ މަގުސަދަކީ. ފަހަރެއްގައި ވެސް އެކަން ޕްރޮމޯޓް ކުރުމެއް ނޫން." ސިނާން ވިދާޅުވި އެވެ.
ނަމަވެސް ސިނާނު ވިދާޅުވީ ރިޕޯޓްތައް ހުށަހަޅާދެވިފައި އޮތްގަތާ ދޭތެރޭ އެއްވެސް ބައެއްގެ ހިތްހަމަނުޖެހުމެއް އޮތް ނަމަ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. ނަމަވެސް، މައްސަލަ ފަޅާއެރުވުމަށް ސަން އިން ކުރި މަސައްކަތް ކުށްވެރިކޮށް، "އިޝޫ މާޖިނަލައިޒް" ކުރަން ނުވަތަ ހިންދާލަން މަސައްކަތް ނުކުރުމަށް ވެސް ސިނާން އެދިވަޑައިގެންނެވި އެވެ.
ގާތްގަނޑަކަށް ދެ ބައިކުޅައެއްބައި މެންބަރުން ސަރުކާރުން ކަނޑައަޅާފައިވާ ކައުންސިލަކުން ނިންމި ނިންމުމުގެ "ސިޔާސީ ވިސްނުމާ" ދޭތެރޭ ސުވާލު އުފެދޭ އެތައް ކަމެއް ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.