13 Sep 2016, 02:56
ހައްޖަށް ދިޔަ ފުވައްމުލަކު ހައްޖުވެރިޔަކު ނިޔާވެއްޖެ އެވެ.
ހައްޖަށް މަތިވެރި އަޅުކަމަށް ގޮސް ހުއްޓައި މިރޭ ނިޔާވީ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި ދިޔަ ޏ. ފުވައްމުލަކު، ދޫޑިގަމް، އަރާމަގު، އަބްދުﷲ ނާސިރެވެ.
އިސްލާމިކް މިނިސްޓްރީގެ ކޯޑިނެޓަރު މުހައްމަދު އަހުސަން "ސަން"އަށް މިރޭ ވިދާޅުވީ އަބްދުﷲ ނާސިރު ނިޔާވީ މެޔަށް ތަދުވާނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ކަމަށެވެ.
"ޑޮކްޓަރުން ވިދާޅުވަނީ ހާޓް އެޓޭކެއް ކަމަށް،" އަހުސަން ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައްޔާއި ރާއްޖޭގެ ފަސް ކުންފުންޏެއްގެ ހަވާލުގައި 2000 ހައްޖާޖީން މިއަހަރު ވަނީ ހައްޖުގެ އަޅުކަމަށް ގޮސްފަ އެވެ. އަދި އޭގެ އިތުރުން ސައުދީ ރަސްގެފާނުގެ ހާއްސަ މެހްމާނުންގެ ގޮތުގައި މަޖިލީހުގެ އަށް މެމްބަރުންނާއެކު ދައުލަތުގެ 15 ބޭފުޅަކު ވަނީ ހައްޖަށް ގޮސްފަ އެވެ.