13 Sep 2016, 22:17
ރާއްޖޭގެ ގިނަ ރަށްރަށުގައި އަޟްހާ އީދު ނުވަތަ ދިވެހިން މިކިޔާ ގޮތުންނަމަ "ބޮޑު އީދު" ގައި ސަގާފީ ކުޅިވަރު ކުޅެ ކޯޑި ނެރުމަކީ ޒަމާނުއްސުރެ ވެސް ކޮށް އުޅޭ ކަމެކެވެ. އެކި ރަށްރަށުގައި އެކަން ކޮށް އުޅެނީ އެކި ގޮތްގޮތަށެވެ. ރ. މަޑުއްވަރީ އަކީ މީގެ އެތައް އަހަރެއް ކުރިންވެސް ސަގާފީ ކުޅިވަރަށް މަޝްހޫރު ރަށެއްގެ ގޮތުގައި ރަށުގެ ގިނަ ބަޔަކު ފާހަގަކުރެ އެވެ. ކޯޑި ކުޅިވަރާ އެކު ދަފި ނެގުމާއި ލަނގިރި، ތާރަ އަދި ބަނޑިޔާ ޖެހުން ފަދަ ސަގާފީ ކުޅިވަރުތައް ކުރިއަށް ގެންދާ މި ރަށުގައި އީދުގައި އެންމެ ޝަރަފުވެރި މަގާމު ލިބެނީ ދޫންޏަކަށެވެ.
މިހެން ބުނުމުން ގިނަ ބަޔަކު ސުވާލު އުފެދިދާނެ އެވެ، ޝަރަފު ވެރިޔާގެ މަގާމު ދޫންޏަކަށް ދޭންވީ ކީއްވެ ބާއޭ ސުވާލު އުފެދިދާނެ އެވެ. މިބުނާ ޝަރަފުވެރި ދޫންޏަކީ ދިރޭ ދޫންޏެއް ނޫންނެވެ. އެއީ އީދުގައި ކޯޑީގައި ހަރުކުރުމަށް ކަށިކެޔޮ ފަތުން ހަދާފައި އިންނަ ބޮޑު ދޫންޏެކެވެ.
ބޮޑު ދޫނި ތައްޔާރު ކުރުމުގެ މަސައްކަތް ކުރަނީ -- ސަންފޮޓޯ// ފާތިމަތު ސަައީދު
ރަށުގައި އަންހެނުންނަށް އަދި ފިރިހެނުންނަށް ހާއްސަކޮށްގެން ކޯޑި ކުޅިވަރަށް ދެ ދުވަސް ފާހަގަކުރާ އިރު ރަށުގެ އަންހެން ވެރިން ހަދާ ކޯޑީގެ އެންމެ މަތީގައި އިނުމުގެ މަގާމު ލިބެނީ ކަށިކެޔޮ ފަތުން ހަދާފައި އިންނަ އަންހެން ދޫންޏަކަށެވެ. ދޫންޏަކީ އަންހެން ދޫންޏެއްކަން ވަކި ކުރުމަށް ކަށިކެޔޮ ފަތް ބޭނުންކޮށްގެން ދޫނީގައި ރީތި ތާޖެއް އަޅުވަ އެވެ. އެއީ އަންހެނުންގެ ކޯޑީގެ ރާނީ އެވެ. ފިރިހެނުންނަށް ހާއްސަކޮށް ފާހަގަކުރާ ދުވަހު ކޯޑި ހަދާނީ ފިރިހެނުންނެވެ. އެ ދުވަހުގެ ކޯޑީގެ އެންމެ މަތީގައި ރަސްގެފާނުގެ ދަރަޖަ ދީފައި ވަނީ ކަށިކެޔޮ ފަތުން ހަދާފައި އިންނަ ފިރިހެން ދޫންޏަށެވެ.
ބޮޑު ދޫނި ތައްޔާރުކޮށް ކޯޑީގެ އެންމެ މަތީގައި ހަރުކުރަން ތައްޔާރުކޮށްފައި -- ސަންފޮޓޯ//ފާތިމަތު ސައީދު
ފާހަގަކޮށްލަން ޖެހޭ ކަމަކީ މިބުނާ ބޮޑު ދޫންޏަށް މަޑުއްވަރީ ރައްޔިތުންގެ ހިތުގައި ބޮޑު ގަދަރަކާއީ ޝަރަފެއް ދީފައިވާ ކަމެވެ. ރަށުގެ މީހުން އެޔަށް ކިޔަނީ ބޮޑު ދޫންޏެވެ. ކޯޑި ފަނުން ހަދައި ޒީނަތްތެރި ކުރުމަށްފަހު އެންމެ ފަހު ވަގުތު ހަރުކުރާ އެއްޗަކީވެސް ބޮޑު ދޫންޏެވެ. ދަފި ނަގައި ކޯޑި ކުޅިވަރުތައް ނިންމާލާ ގަޑީ "ހަދިޔާ ދިނީ" ކިޔަމުން އެ ދޫނި ހަދިޔާ ކުރާ މީހާއަކީ ވެސް ހާއްސަ މީހެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެ އެވެ. ކޯޑި ޖެހުމަށް ވަކި ބަޔަކު ހާއްސަކޮށްފައި ތިބޭއިރު އެ ދޫނި ލިބެނީ އެތަނުން މީހަކަށެވެ. މީގެ އެތައް ޒަމާނެއް ކުރިން އެގޮތަށް ހަދިޔާ ކުރާ ދޫނި މިހާރު ވެސް ބައެއް މީހުން ފޮރުވާފައި އެބަހުއްޓެވެ. އެހެންވީމަ މިބުނާ ބޮޑު ދޫނި ޝަރަފުވެރިއޭ ނުބުނެވޭނެ ހެއްޔެވެ.
ބޮޑު ދޫނި ތައްޔާރުކޮށް ކޯޑީގެ އެންމެ މަތީގައި ހަރުކުރަން ތައްޔާރުކޮށްފައި -- ސަންފޮޓޯ//ފާތިމަތު ސައީދު
މަޑުއްވަރީގެ ދުވަސްވީ ބައެއް މީހުން ބުނާގޮތުން ދޫނި ހާއްސަވީ ސަބަބެއް ނޭނގެ އެވެ. ޒަމާނުއްސުރެ ވެސް އެ ދޫނި މަޑުއްވަރީ ކޯޑީގައި ރަސްކަން ކުރާ ކަމަށް މީހުން ބުނެ އެވެ. އަދި އަބަދު ވެސް ކޯޑީގެ އެހެން ބައިތަކާއި ތަފާތުކޮށް ކަށިކެޔޮ ފަތުން އެ ދޫނި ހަދާ ކަމަށް ބައެއް މީހުން ބުންޏެވެ.
" ކޯޑީގައި ބޮޑު ދޫނި ނީންނަ ހަނދާނެއް ނުވޭ. އެކި ރަށްރަށުގައި ކޯޑި ކުޅިވަރު ކުޅެނީ އެކި ގޮތަށް ވެދާނެ މިރަށަށް ހާއްސަކަމެއް ކަމަށް ވެސް. ބޮޑު ދޫންޏާ ނުލައި ކޯޑު ފުރިހަމައެއް ނުވާނެ މިރަށުގައި،" މަޑުއްވަރީގެ މެދު އުމުރުގެ މީހަކު ބުންޏެވެ.
އަންހެނުން ކޯޑީގައި އެލުވުމަށް ފަނުން ވިޔެފައި ހުންނަ ތަފާތު ވައްތަރުގެ ތަކެތި ހަދަނީ ރަށުގެ ހުރިހާ އަންހެނުން އެއްތަނަކަށް ޖަމާވެގެންނެވެ. އަދި ފިރިހެނުންގެ ކޯޑީގައި ހަރުކުރާނެ ތަކެތު ފަނުން ވިޔެ ކޯޑި ޒީނަތްތެރި ކުރަނީ ފިރިހެނުންވެ. ނަމަވެސް މިބުނާ ބޮޑު ދޫނި ވިޔަން އެނގެނީ މަޑުއްވަރީގައި މަދު ބަޔަކަށެެވެ.
މަޑުއްވަރީގައި ކުރިއަށް ދިޔަ އީދު ކުޅިވަރުގެ ތެރެއިން -- ސަންފޮޓޯ// ފާތިމަތު ސައީދު
ދޫނި ވިޔަން ދަންނަ މަޑުއްވަރީ މުހައްމަދު ސައީދު ބުނި ގޮތުން އެ ދޫނި ވިޔަން ނޭނގޭ ހަނދާނެއް ނުވެ އެވެ. ވަރަށް ކުޑަ ކުޑަ އިރު ދަސްކުރި ކަމަށް ބުންޏެވެ. ދޫނި ވިޔަން ފުރަތަމަ ކަށިކެޔޮ ފަތް ގަހުން ކަނޑައިގެން ގޮސް އަވީލާ ކުޑަކޮށް މިލުވާލުމަށް ފަހު ދޫނި ވިޔަން ފަށާ ކަމަށް ބުންޏެވެ. ދޫނި ވިޔަން ބޭނުންވާނީ ކަށިކެޔޮ ފަތުގެ ދެ ފަތެވެ.
މަޑުއްވަރީގައި މިއަދަކީ ފިރިހެނުންގެ ކޯޑި ދުވަހެވެ. އެ ކޯޑި ސަގާފީ ކުޅިވަރާއެކު ނެރެދޭނީ އަންހެނުންނެވެ. މިއަދު ވަނީ ހެނދުނު ފިރިހެނުން ކޯޑި ހަދާފަ އެވެ. އެ މީހުންނަށް ޖޫސްދޭން ވަނީ އަންހެނުން ގޮސްފަ އެވެ.
މަޑުއްވަރީގައި ކުރިއަށް ދިޔަ އީދު ކުޅިވަރުގެ ތެރެއިން -- ސަންފޮޓޯ// ފާތިމަތު ސައީދު
މިއަދު ހަވީރު ކޯޑި ނެރުން ކުރިއަށް ދާއިރު މިރޭ މަންދީރަ ބޮޑު ބެރު ގުރޫޕުން ޝޯ ދިނުމަށް ދަނީ ތައްޔާރީތައް ވަމުންނެވެ.