ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސްކޮޓްލެންޑްގެ ޗެމްޕިއަން ސެލްޓިކްއާ ދެކޮޅަށް ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ ކުޅޭ މެޗުގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީ އަށް ކުޅެވިދާނެކަން އަދި ނޭނގޭ ކަމަށް އެ ކްލަބުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ސްޕެނިޝް ލަލީގާގައި އަލަށް ޕްރޮމޯޓުވި ޑިޕޯޓްވޯ އަލަވޭސް އަތުން 2-1 ލަނޑުން ބަލިވި މެޗުގައި ބާސާގެ ފުރަތަމަ 11 އިން ބޮޑެތި ބަދަލުތަކެއް ފެނިގެންދިޔަ އެވެ. އެގޮތުން މެސީ އާއި އުރުގު އާއީ ތަރި ލުއިސް ސުއަރޭޒް އަދި ކެޕްޓަން އަންދްރޭސް އިނިއެސްޓާ ފެނިގެންދިޔައީ ދެ ވަނަ ހާފުގައެވެ.

ފަސް ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދި މެސީ އަށް ވަނީ ދާދި ފަހުން އާޖެންޓީނާ ގައުމީ ޓިމަށް ކުޅެނިކޮށް އަނިޔާއާ ކުރިމަތިލާން ޖެހިފަ އެވެ. އެ އަނިޔާއަށް ފަހު މެސީ އަދި މުޅިން ފިޓްވެފައެއް ނުވެ އެވެ.

ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ --- ފޮޓޯ: ގެޓީ

"އަހަރެން ބޭނުން ކޮންމެ މިނެޓަކު ވެސް ދަނޑުމަތީގައި މެސީ ބަހައްޓަން. އެއީ އޭނާ ވެސް ބޭނުންވާނެ ގޮތް. އެކަމަކު އަހަރެން އެބަޖެހޭ އޭނާގެ ހާލަތު ހުރިގޮތް ބަލަން. އެކަމަކު އަދި މެސީ އަށް މެޗުގައި ބައިވެރިވެވޭނީ ކިހާވަރަކަށް ކަމެއް ނޭނގޭ،" ބާސާގެ ކޯޗު އެންރީކޭ ބުންޏެވެ.

އެންރީކޭ ބުނީ، މެސީ އަށް ކުޅެވޭނީ ކިތައް މިނެޓުތޯ މާދަމާ ބަލާނެ ކަމަށާއި މެޗުގައި މެސީގެ ބޭނުން ހިފިދާނެކަން ކަށަވަރުވާނީ މާދަމާ އިތުރަށް ބެލުމަށް ފަހު ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ބާސާ ކުޅޭ ފުރަތަމަ މެޗުގައި ސެލްޓިކްއާ ދެކޮޅަށް ނުކުންނާނީ މިރޭ އެވެ. ބާސާގެ ކޭމްޕް ނޯގައި ކުޅޭ އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 11:45 ގަ އެވެ.