12 Sep 2016, 19:57
މިދިޔަ މަހުގެ ތެރޭގައި ފުވައްމުލަކު ފަރަށް އެރި ބޯޓުން ތެޔޮ ލީކް ވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލުގެ ރައީސް އަބްދުﷲ ފަލާހު ޝަރީފު "ސަން"އަށް މިއަދު ވިދާޅުވީ، ކުރިއަށްވުރެ ބޮޑަށް މިހާރު ބޯޓު ފަރަށް އުރިފައިވާ ކަމަށާއި ބޯޓުގެ ބައެއް ތަންތަން ފޫގޮސްފައިވާ ކަމަށް ހަބަރު ލިބޭ ކަމަށެވެ.
ބޯޓުން އިއްޔެ ތެޔޮ ލީކުވެފައިވާ ކަމުގެ ޝަކުވާއެއް ކައުންސިލަށް ލިބުމުން އެކަންތައް ބަލައި، ގޮނޑުދޮށުގައި ތެލުގެ އަސަރު ހުރިކަން ފާހަގަވެފައިވާ ކަމަށާއި ނަމަވެސް އެއީ ބޯޓުގެ ބައެއް ތަންތަން ފޫގޮސްފައިވާ ކަމަށް ލިބޭ ހަބަރުތަކާ ގުޅިގެން ދިމާވަމުންދާ ކަމެއްކަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކު ކައުންސިލުން ބުނީ، ތެލުގެ އަސަރުކޮށްފައިވާ ހުރުމުން އިއްޔެ އެ މައްސަލަ އީޕީއޭ އަށް ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނަރަލް އިބްރާހިމް ނައީމް "ސަން"އަށް މިއަދު ވިދާޅުވީ ފުވައްމުލަކު ފަރަށް އަރާފައިވާ ބޯޓުން ތެޔޮ ލީކުވާކަމުގެ ވާހަކަ އަޑު އިވިފައިވާ ކަމަށާއި ނަމަވެސް ރަސްމީކޮށް އެ ޝަކުވާ ލިބިފައި ނުވާ ކަމަށެވެ.
ފުވައްމުލަކުގައި ތިބި ސަރުކާރުގެ ވުޒާރާތައް މެދުވެރިކޮށް އެކަމުގެ ހަގީގަށް ބަލަމުންދާ ކަމަށާއި އެ ބޯޓުން، މޫދަށް ތެޔޮ ލީކުވާނަމަ އެ ސަރަހައްދުގެ ތިމާވެށި ރައްކާތެރި ކުުރުމަށް އަޅަންޖެހޭ ފިޔަވަޅަޅައި އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފުވައްމުލަކު ކައުންސިލުގެ ރައީސް ފަލާހު ވިދާޅުވީ، އިއްޔެ ތެޔޮ ލީކުވެފައިވާ ކަމުގެ ޝަކުވާއެއް ކައުންސިލަށް ލިބުނު ނަމަވެސް އެފަދަ ޝަކުވާއެއް އަދި މިއަދު ނުލިބޭ ކަމަށެވެ. އަދި ތެލުގެ އަސަރު ކުޑަކުރުމަށް ކެމިކަލް ބޭނުންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމު އެޅުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހިފައިގެން ފުވައްމުލަކަށް ދިޔަ ބޯޓު ފަރަށް އެރީ މިދިޔަ މަހު 13 ވަނަ ދުވަހު އެވެ. އެ ބޯޓު އަރާފައި ވަނީ ފުވައްމުލަކުގެ ދެކުނު ފަރާތު ފަރަށެވެ.
އެ ބޯޓު ފަރަށް އަރާފައި އޮންނަތާ މިހާރު މަހެއްވާން ކައިރިވެފައިވާއިރު، އެތަނުގެ ފަރަށް ދިމާވެފައިވާ ގެއްލުންތަކުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.
ނަމަވެސް އޯޝަން ލޮޖިސްޓިކްސް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވިދާޅުވީ ބޯޓު ފުންކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ފަރަށް ވީހާ ވެސް ގެއްލުން ކުޑަވާ ގޮތަށް ކަމަށެވެ. އަދި ވިއެޓްނާމް ބޯޓު މިހަފްތާގައި ފުން ކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ސިންގަޕޫރު ސެލްވެޖް ކުންފުންޏަކާ ހަވާލުކޮށްގެން އެ ބޯޓު ފުންކުރުމުގެ މަސައްކަތްކުރަމުންދާއިރު، ފުންކުރަން ފަސޭހަކުރުމަށް ބޯޓު ލުއިކުރަން ޖެހޭތީ، ބޯޓުގައި ހުރި މުދާތައް ފަރު މައްޗަށް ވަނީ އުކާލާފަ އެވެ.
އެކަމާގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، ބޯޓުގައި ހުރި ބައެއް ހިލަތައް މޫދަށް އުކާލަމުން ދަނީ ކަމާ ގުޅުން ހުރި މުއައްސަސާތަކުން ހުއްދަ ދީގެން ކަމަށެވެ.