12 Sep 2016, 17:48
ބެންގަލޫރޫ: ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކައުވަރީ ކޯރުން ކޮންމެ ދުވަހަކު ޓަމިލް ނާޑޫ އަށް ވަކި މިންވަރަކަށް ފެން ދޫކުރުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ބެންގަލޫރޫގައި ބޮޑެތި ހަމަނުޖެހުން ތަކެއް ހިންގަމުން އެބަދެ އެވެ.
މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވަނީ މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ކައުވަރީ ކޯރުން 12،000 ކިއުސެކް ގެ ފެން ޓަމިލް ނާޑޫ އަށް ދޫކުރުމަށެވެ.
ްކަރްނާޓަކާ އަދި ޓަމިލް ނާޑޫ އިން ވެސް ދަނޑުވެރިކަން ކުރުމަށާއި ބުއިމަށް ބޭނުން ކުރަނީ ކައުވަރީ ކޯރުގެ ފެނެވެ. ދެ ސްޓޭޓަށް ވެސް ކޯރުން ވަކި ބައެއް ޚާއްސަ ކޮށްފައި ވާއިރު މިހާރު ދެބަސްވުން އުފެދިފައި ވަނީ ކޮންމެ ސްޓޭޓަކަށް ފެން ލިބޭ މިންވަރާއި މެދުގަ އެވެ.
މީގެ ކުރިން ކޯޓުން ނިންމާފައި ވަނީ ސެޕްޓެމްބަރު 16 ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހަކު ކައުވަރީ ކޯރުން 15،000 ކިއުސެކް ގެ ފެން ޓަމިލް ނާޑޫ އަށް ދޫކުރުމަށެވެ. ކޯޓުގެ ނިންމުމާ ގުޅިގެން ވެސް މިދިޔަ ހުކުރު ދުވަހު ވަނީ މުޒާހަރާ ކޮށްފަ އެވެ.
ކޯޓުގެ ނިންމުމާ ގުޅިގެން މިއަދު ހަމަނުޖެހުން ހިންގާފައި ވަނީ، ޓަމިލް ނާޑޫ އަށް ދޫކުރަން ޖެހޭ ފެނުގެ މިންވަރު 48،000 ކިއުސެކް އިތުރުވުމާ ގުޅިގެންނެވެ.
ކޯޓުގެ ނިންމުމާ ދެކޮޅަށް އަޑު އުފުލުމަށް ގިނަ ބަޔަކު މަގުތަކަށް ނުކުމެފައި ވާއިރު، އެ މީހުން ބުނަމުން އަންނަނީ ކަރްނާޓަކާ އަށް ވެސް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެފައި ވާއިރު، ފެނުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ކޯޓުގެ ނިންމުމުގެ ސަބަބުން ފެނުގެ ދަތިކަން އިތުރަށް ބޮޑުވާނެ ކަމަށް އަންނަނީ ބުނަމުންނެވެ.
ބެންގަލޫރޫގައި ހަމަނުޖެހުން ބޮޑުވެފައި ވާއިރު، ޓަމިލް ނާޑޫގެ ލައިސެންސް ޕްލޭޓް ޖަހާފައިވާ އުޅަނދުތަކަށް ގައު އުކައި ގިނަ އަދަދެއްގެ އުޅަނދުތަކުގައި ވަނީ ހުޅުޖަހައިފަ އެވެ. ހަމަނުޖެހުން ބޮޑުވެ އުޅަނދުތަކުގައި ތަކުގައި ހުޅު ޖަހަން ފެށުމުން މިހާރު ވަނީ ބެންގަލޫރޫގެ މެޓްރޯ ޚިދުމަތް ވެސް ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.
ހަމައެއާއެކު ބެންގަލޫރޫ އާއި ޓަމިލް ނާޑޫ އާ ދެމެދުގެ ބަސް ދަތުރު ތައް ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.
ހަމަނުޖެހުންތަކުގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައި ނުވާ އިރު، ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ގިނަ އަދަދެއްގެ ފުލުހުން އަންނަނީ މަގުތަކުގައި ހަރަކާތްތެރި ވަމުންނެވެ.