ހުޅުމާލެއާއި މާލެ އާއި ދޭތެރޭ ދަތުރުކުރާ ފެރީ ދަތުރުތަކުގެ ބާރުބޮޑުވުމުން އިތުރަށް ހަ ފެރީ އޮޕަރޭޝަންގައި ބޭނުން ކުރަމުން އަންނަ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

ކޮންމެ އީދަކާއި ގުޅިގެން ވެސް މާލޭގައި ދިރިއުޅޭ އެތަކެއް ބަޔަކު ހުޅުމާލެއަށް ދެއެވެ. ހާއްސަކޮށް ހުޅުމާލެއަށްދާ ބިދޭސީން ގިނަ އެވެ. މިއަދު ވެސް ވަނީ މާލޭ ޓާމިނަލްގައި ތޮއްޖެހިފައެވެ.

އެމްޓީސީސީ ހުޅުމާލޭ ފެރީ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ނާޒިމް ސަން އަށް މިއަދު ވިދާޅުވީ، އާންމުކޮށް އެ ދާއިރާގެ ފެރީ ދަތުރުތަކުގައި 11 ފެރީ ބޭނުން ކުރާއިރު މިއަދު 17 ފެރީ ބޭނުން ކުރަމުން އަންނަ ކަމަށެވެ.

"މިހާރު ފަސް މިނެޓުން ފެރީއެއް ފުރާނެ، މިއީ ކޮންމެ އީދެއްގެ ވެސް ހާލަތު، އަޅުގަނޑުމެންނަށް ދެވެން އޮތް ހިދުމަތް ދަނީ ދެމުން،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުޅުމާލެއަށް ދިއުމަށް އައިސް ތިބި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭއިރު އެ ކުންފުނީގެ އިރުޝާދު ބިދޭސީން އަޑުނާހާތީ މެނޭޖް ކުރުމަށް ކޮންމެ ވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.